ޚަބަރު

ހޫނުގަދަވެ، ވިލާތުގެ ޖަންގަލިތަކުގައި ރޯވެ އަނދަނީ


ވިލާތުގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އާދަޔާޚިލާފު ގަދަހޫނުގެ ސަބަބުން، ޖަންގަލިތަކުގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.

ފަރަންސޭސިވިލާތާއި، ސްޕެއިން، ޖަރުމަނުވިލާތް، ޑެންމާކް، ސްވިޓްޒެލޭންޑް، ގްރީސް އަދި ޗެކް ރިޕަބްލިކްގައި ރެކޯޑު މިންވަރަކަށް ހޫނުގަދަވެ، އެކި ސަރަޙައްދުތަކުގައި ހުރި ޖަންގަލިތަކުގައި ވަނީ ރޯވެފައެވެ.

މި ގަދަހޫނުގެ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރަންސޭސިވިލާތުގެ ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.

މިގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ގަދަހޫނާ ގުޅުންހުރި 100އަށް ވުރެ ގިނަ މަރު ރެކޯޑުކުރެވިފައިވާކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ގަދަހޫނުން ސަލާމަތްވާން ކޯރުތަކާއި ސްވިމިން ޕޫލްތަކަށް އެރޭ މީހުން ގިނަވެ، ގެނބިގެން މަރުވި މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން، މިހާތަނަށް ގެނބިގެން މަރުވި މީހުންގެ ޢަދަދު 74އަށް ވަނީ އަރައިފައެވެ.

ފަރަންސޭސިވިލާތުގެ އިރުދެކުނުގައި ހުރި ޖަންގައްޔެއްގައި ރޯވެ، ދެ ހެކްޓަރުގެ ސަރަޙައްދެއް ވަނީ އަނދައި އަޅިއަށްވެފައެވެ. ނަމަވެސް، އެ ސަރަޙައްދުގައި ހުރި 10 ގެއަކަށް އަލިފާނުގެ އަސަރު ކުރުމުގެ ކުރިން، އެ އަލިފާންގަނޑު ފެތުރުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

ގްރީސްގައި، ދަނޑުބިންތަކެއް ހުރި ސަރަޙައްދެއްގައި އަލިފާން ރޯވެ، އެ ސަރަޙައްދުގައި ދިރިއުޅޭ 112 މީހުން ވަނީ ސަލާމަތީ ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.

ސްޕެއިންގެ ޖަންގެއްޔެއްގައި މިދިޔަ ބުރާސްފަތި ދުވަހު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާއިރު، އެ އަލިފާންގަނޑު މިހާރު ވަނީ 4،000 ހެކްޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ.

ސްވިޒަލޭންޑުން ޖެހިޖެހިގެން ތިން ވަނަ ދުވަހު ޖޫން މަހުގެ އެންމެ ހޫނު ދުވަހުގެ ރެކޯޑް މުގުރާލާފައިވާއިރު، އުތުރުގެ ބާސެލް ސިޓީގައި ފިނިހޫނުމިން ވަނީ 39 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ.

ޗެކް ރިޕަބްލިކްގައި މިހާތަނަށް އެންމެ މަތީ ފިނިހޫނުމިން ރެކޯޑްކޮށްފައިވާއިރު، ޕްރާގުގެ އުތުރުގައި އޮންނަ ޑޮކްސާނީގެ މޫސުމާ ބެހޭ މަރުކަޒެއްގައި 40.6 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިން ރެކޯޑްކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (ސީއެޗްއެމްއައި)އިން ބުނެފައިވެއެވެ.

ޖަރުމަނުގައި ފިނިހޫނުމިން ރެކޯޑް 41.5 ޑިގްރީ ސެލްސިއަސް އަރާފައިވާ ކަމަށް ޤައުމީ މޫސުމާ ބެހޭ ޚިދުމަތް (ޑީޑަބްލިއުޑީ) ގެ ވަގުތީ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރަސްމީކޮށް ފިނިހޫނުމިން ބަލަން ފެށިފަހުން، ޑެންމާކުގައި އެންމެ ހޫނު ގަދަ ދުވަހުގެ ރެކޯޑު މުގުރާލާފައިވާއިރު، ފިނިހޫނުމިން 36.6 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ޑެނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓް (ޑީއެމްއައި) އިން ބުނެފައިވެއެވެ.