ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފުލުހުންގެ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އެފަދައިން ވިދާޅުވީ ފުލުހުންގެ 93ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފަރާތްތަކަށްދޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު އަމަލުކުރާ އުސޫލު ބަދަލުކުރުމަށް ނިންމަވާފައިވާކަމަށެވެ. ފުލުހުންގެ ކަންކަން ހަރުދަނާކުރުމަށާއި، ފުލުހުންނަށް އާ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދެއްވާކަން ކޮމިޝަރނަރ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ފުލުހުންނަށް ޚާއްސަ އިސްކަމެއްދެއްވައި، ފުލުހުން އެދޭ ފަދަ އުއްމީދީ ބަދަލުތައް ހިންގުމުގެ ދާއިރާއަށާއި، ޚިދުމަތުގެ ކުރިއެރުމަށް ގެންނަވަމުން ގެންދަވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
"ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓު ބަދަލުކުރުމަށް ނިންމާފައިވާކަމުގެ އުފާވެރި ޚަބަރު. ހަމައެއާއި އެކު އެ ފުުލުހުން ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލާ، ލިބޭ އިނާޔަތްތައް ހަމަޖައްސާދިނުމުގައި ޚިދުމަތުގައި 25 އަހަރު ވުމަށް ފަހު ޚިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްފަދައިން ބޭސްފަރުވާ ހަމަޖައްސާދިނުމަށް މިހާރު ވަނީ ނިންމާފައި." ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން އަބަދުވެސް އެންމެ އިސްކަންދެނީ ރައްޔިތުންނަށް މުހިންމު މަސައްކަތްތައް ކޮށްދިނުމަށްކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ފުލުހުން ހަރަކާތްތެރިވާނީ އެ ޚިދުމަތަށް އާއްމުންގެ އިތުބާރާއި ޔަޤީންކަން ލިބޭނެ ގޮތަށް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަސީލަތްތައް އިތުރުކުރުމާއި، މީހުން ތަމްރީންކުރުން ފަދަ މަސައްކަތްތަކަށް އެ އިދާރާއިން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ފުލުހުންގެ މަސައްކަތްތައް ހިންގުންތެރިކަމާއި އެކު ކުރިއަށް ގެންދިއުމަށާއި، ފުލުހުންގެ ޚިދުމަތް ރާއްޖެ އަށް ފުޅާކުރުމަށް މަސައްކަތްކުރުން މަތީ އެ އިދާރާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ ވަނީ ދެއްވާފައެވެ.