ރާއްޖޭގެ ސިނަމާތައް މާދަމާއިން ފެށިގެން ހުޅުވާލުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި އެފަދަ ތަންތަން ބޭނުންކުރަންވީ ގޮތުގެ އުސޫލު ކަނޑައަޅައި އާންމުކޮށްފައެވެ.
ސިނަމާފަދަ ތަންތަން ހިންގުމުގެ ހުއްދަ ދިނުމަށް ނިންމައި އެޗްޕީއޭއިން އާއްމުކޮށްފައިވާ ގައިޑްލައިންގައިވަނީ ސިނަމާތައް ހިންގާ ފަރާތްތަކާއި ސިނަމާތަކަށް ދާ ފަރާތްތަކުން އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަޔާންކޮށްފައެވެ.
އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތުން ސިނަމާ ހިންގާ ފަރާތްތަކުން ތަނުގައި ހަމަޖައްސަންޖެހޭ ކަންކަމުގެ ތެރޭގައި، ތަނައް ވަދެ ނިކުތުމުގައި ފެންނަ ގޮތައް ކޯވިޑް-19ގެ މަޢުލޫމާތު ފެންނާނެހެން ބަހައްޓަންޖެހެއެވެ. އަދި ސިނަމާއަށް ވަންނަ ދޮރު ކައިރީގައި ސެނަޓައިޒާ ބެހެއްޓުމާއި، ތަނައް ވަންނަ މީހުން މާސްކް ބޭނުންކުރޭތޯ ޔަޤީން ކުރަންޖެހެއެވެ.
މީގެ އިތުރުން ސައިބޯނި ލައިގެން އަތްދޮވުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރުމާއި، މީހުން ތަނައް ވެއްދުމުގެ ކުރިން ކޯވިޑް-19ގެ އަލާމަތެއް ހުރިތޯ ބެލުން ނުވަތަ ހުން ބެލުމާއި، އަލާމާތެއްހުރި އެއްވެސް މީހަކު ތަނައް ނުވެއްދުންވެސް ހިމެނެއެވެ. އަދި އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ތަނުގައި ޓިކެޓް ބަލައިގަތުމުގެ ކަންކަން 3 ފޫޓު ދުރުމިނުގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ.
އަދި ސިނަމާގެ ކޮންމެ ދަންފަޅިއެއް ނިމުމުން ތަން ސާފުކުރެވޭނެ އިންތިޒާމް ހަމަ ޖައްސާފައި ހުރުމާއި ސިނަމާއަށް ވަންނަ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރޭތޯ ސިނަމާ ހިންގާ ފަރާތުން ޔަޤީން ކުރުންވެސް މުހިންމެވެ. މީގެ އިތުރުން ސީޓު ބަދަލުކުރުން ފަދަ ކަންކަން ކުރުން މަނާކޮށް ސީޓުގައި ޓިކެޓް ނަމްބަރު ޖަހާފައި ބަހައްޓަން ޖެހެއެވެ.
ސިނަމާތައް ހުޅުވާލުމުގެ ފުރުޞަތު ދީފައިވާއިރު އެފަދަ ތަންތަނަށް ދާ އާންމުންވެސް ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކޯވިޑް-19 ގެ އެއްވެސް އަލާމަތެއް ހުރިނަމަ އެފަދަ ތަންތަނަށް ނުދިއުމާއި، ހުރިހާ ވަގުތެއްގައިވެސް މާސްކް ބޭނުންކުރުމާއި، ތަނުގައި އަދި ތަނަށް ވަދެ ނިކުތުމުގައިވެސް 3 ފޫޓު ދުރުމިން ބެހެއްޓުމާއި، އަތް ސާފުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ސިނަމާތައް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންގައި މިފަދަ ތަންތާނގައި އުފެދޭ ކުނި ނައްތާލާނެ ގޮތުގެ މައުލޫމާތުވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މަތި ޖެހި ޑަސްބިން އެކި ހިސާބުތަކުގައި ބެހެއްޓުމާއި، ތަފާތު ކުނިތަކަށް ޚާއްސަކޮށްފައިވާ ޑަސްބިންތައް ލޭބަލްކޮށްފައި ބެހެއްޓުމުގެ އިތުރުން ތަނުގައި އުފެދޭ ކުނި ނައްތާލުމުގެ އިންތިޒާމް ހަރުދަނާ ގޮތެއްގައި ހަމަޖައްސަން ޖެހެއެވެ.
ކޯވިޑް-19 ގެ ހާލަތައް ބަލައި އެކަށީގެންވާ ލުއިތައް ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ އިރު މި ލުއިތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ ކޯވިޑް-19 ފެތުރުން ހުއްޓުވައި ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭނެއެވެ. މިކަމަކީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްކަމުން މިކަމުގައި ފަރުދީ ޒިންމާ އުފުލުންވެސް މުހިންމެވެ.