ދުނިޔެ

އެއްބަސްވުންތައް ނިމިއްޖެ، އަންނަމަހު ކޯވެކްސުން ވެކްސިން ފޮނުވަން ފަށަނީ


ދުނިޔޭގެ ހުރިހާ ޤައުމަކަށް ވީ އެންމެ އަވަހަކަށް އަދި އިންސާފުވެރި ގޮތަކަށް ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯ އިސްވެ އުފައްދާފައިވާ ކޯވެކްސް ޙަރަކާތުން، ވެކްސިން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އިޢުލާނުކޮށްފިއެވެ.

ކޯވެކްސުން ބުނީ ފައިޒާ އާއި ބަޔޯއެންޓެކުން އުފައްދާފައިވާ ކޯވިޑް ވެކްސިންގެ 40 މިލިއަން ޑޯޒް ގަތުމަށް އެ ކުންފުންޏާއިއެކު އެޑްވާންސް އެއްބަސްވުމެއްގައި ޑަބްލިއުއެޗުއޯގެ ފަރާތުން ސޮއިކޮށްފައިވާކަމަށެވެ.

މީގެ ކުރިން ޑަބްލިއުއެޗުއޯއިންވަނީ ފައިޒާގެ ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. ވެކްސިން ގަތުމަށް ސޮއިކޮށްފައިވާ އެއްބަސްވުމާއި އެއްގޮތަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ވެކްސިން ލިބުމުން، ކޯވެކްސްގެ ފަރާތުން އެ ވެކްސިންތައް އެކި ޤައުމުތަކަށް ފޮނުވަން ފަށާނެއެވެ.

މެދުފަންތީގެ ޤައުމުތަކާއި ފަޤީރު ޤައުމުތަކަށް ކޯވިޑް ވެކްސިން ފޯރުކޮށްދޭ މިންވަރު އަވަސްކޮށް ބަލިމަޑުކަމަށް ނިމުމެއް ގެނައުމަށް ކޯވެކްސުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އިންޑިޔާގެ ސީރަމް އިންސްޓިޓުއުޓާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން ތައްޔާރުކުރާ އެސްޓްރަޒެނެކާ އޮކްސްފޯޑު ވެކްސިންގެ 100 މިލިއަން ޑޯޒު ހޯދުމަށް ނިންމާފައިވާކަމަށްވެސް ކޯވެކްސުންވަނީ އިޢުލާނުކޮށްފައެވެ.

ސީރަމް އިސްޓިޓިއުޓުން ހޯދާ 100 މިލިއަން ޑޯޒްގެ ތެރެއިން ބޮޑު ބަޔަކީ މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެކި ސަރަޙައްދުތަކަށް ފޮނުވާނެ ޑޯޒްތަކެވެ. އެ ވެކްސިންތައް ޤައުމުތަކަށް ފޮނުވާނީ ޑަބްލިއުއެޗުއޯގެ ފަރާތުން އެ ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދިނުމުންނެވެ. އިންޑިޔާގެ ޑްރަގް ކޮންޓްރޯލަރ ޖެނެރަލުން ކުއްލި ޙާލަތުގައި މި ވެކްސިން ބޭނުންކުރުމުގެ ޙުއްދަ މިދިޔަ މަހުގެ ތެރޭގައިވަނީ ދީފައެވެ.

ޑަބްލިއުއެޗުއޯއިން މިހާރުދަނީ ސީރަމް އިސްޓިޓިއުޓުން ތައްޔާރުކުރާ ވެކްސިނާއި ގުޅޭ ދިރާސާތައް ކުރަން ފަށާފައެވެ. ކުރިއަށްއޮތް ފެބްރުއަރީ މަހުގެ ތެރޭގައި ޑަބްލިއުއެޗުއޯގެ ފަރާތުން ނިންމުމަކާއި ހަމައަށް އަންނާނެކަމަށް ބެލެވެއެވެ.

ކޯވެކްސްއާއި އެސްޓްރަޒެނެކާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޤައުމުތަކަށް އެސްޓްރަޒެނެކާގެ ވެކްސިންގެ 50 މިލިއަން ޑޯޒް ފޮނުވޭނެކަމަށް ކޯވެކްސުން އުންމީދުކުރެއެވެ. އެ ވެކްސިން އުފެއްދުމުގެ މަރުހަލާތަކަށް ޑަބްލިއުއެޗުއޯގެ ރުހުން ލިބުމާއިއެކު އެ މަސައްކަތްވެސް ފެށިގެންދާނެއެވެ. ފެބްރުއަރީ މަހުގެ އެ ވެކްސިނާއި ގުޅޭގޮތުން ޑަބްލިއުއެޗުއޯއިން ނިންމުމެއް ނިންމާނެކަމަށް ބެލެވެއެވެ.

ކޯވެކްސްގެ ޕްރޮކިއުމަންޓާއި ޙަވާލުވެ ހުންނެވި ގާވީގެ ސީއީއޯ ސެތު ބާކުލޭ ވިދާޅުވީ އައު އެއްބަސްވުމުގެ ސަބަބުން ކޯވެކްސުން ކުރަމުންދާ މަސައްކަތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެސްޓްރަޒެނެކާއާއި އޮކްސްފޯޑުގެ ވެކްސިނަށް ޙުއްދަ ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު ފައިޒާއެކު ސަޕުލައިކުރުމުގެ އެއްބަސްވުމަކާއި ހަމައަށް އާދެވުމަކީ ކުރިއަށް އެޅޭ ފިޔަވަޅެއްކަމަށާއި، އޭގެ ސަބަބުން އަންނަ މަހުގެ ތެރޭގައި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް މަގުފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އިންސާފުވެރިކަމާއި ހަމަހަމަކަމާއިއެކު ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި، ބަލިމަޑުކަމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ވަރަށް ބޮޑު ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކޯވެކްސްގެ ވެކްސިން މަޝްރޫޢުގައި ބައިވެރިވެފައިވާ 190 ޤައުމަށް ފޯރުކޮށްދޭނެ ވެކްސިންގެ އަންދާޒީ އަދަދު ހަފުތާއެއްގެ ތެރޭގައި ކަނޑައެޅުމަށް ކޯވެކްސުންދަނީ މަސައްކަތްކުރަމުންނެވެ. ޤައުމުތަކާއިއެކު އެ ޢަދަދުތައް ޙިއްޞާކުރުމުން ވެކްސިން ދިނުމުގެ ކަންކަން ރާވައި ތައްޔާރުވުމަށް އެހީއަކަށް ވެގެންދާނެއެވެ.