ހަނގުރާމަތަކާއި މޫސުމީ ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ 500 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ތަޢުލީމީ ފުރުޞަތުތަކުން މަޙްރޫމްވެ، އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގައި، ހަނގުރާމައާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރުކޮށްފައިވާ ދުނިޔޭގެ 500 މިލިއަނަށްވުރެ ގިނަ ކުޑަކުދިންގެ ތަޢުލީމީ ޙާލަތާމެދު ވަނީ އެތަކެއް ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
އދ ގެ ތަޢުލީމީ ކަންކަމާ ބެހޭ ޚާއްޞަ މަންދޫބު ގޯޑަން ބްރައުން ހާމަކުރެއްވި ގޮތުގައި، ދުނިޔޭގައި އެއްގޮތަކަށްވެސް ސްކޫލަށް ދިއުމުގެ ފުރުޞަތު ނުލިބޭ 273 މިލިއަން ކުދިން އެބަތިއްބެވެ. އަދި ސްކޫލަށް ދިޔަކަމުގައި ވިޔަސް، އުމުރުން 11 އަހަރު ފުރޭއިރު އަސާސީ ލިޔަންކިޔުމާއި ހިސާބު ނޭނގޭ 270 މިލިއަން ކުދިން ތިބިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މީގެ ތެރެއިން ގިނަ ކުދިންނަކީ ހަނގުރާމަތަކާއި މޫސުމީ ކާރިސާތަކުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ނިސްބަތްވާ ކުދިން ކަމަށެވެ.
ޤައުމުތަކުގެ ބަޖެޓުގެ 20 އިންސައްތަ ތަޢުލީމަށް ޚަރަދުކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ޢަމަލުކުރުމަށާއި، 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އެހީދޭ ޤައުމުތަކުން އިތުރަށް މަސައްކަތްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
"އެޑިއުކޭޝަން ކާންޓް ވެއިޓް" ގެ ޑިރެކްޓަރު މައިސާ ޖަލްބޫތު ވަނީ ސުދާންގެ ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ ކްލާސްރޫމްތަކުގެ ހިތާމަވެރި ޙާލަތު ހާމަކުރައްވާފައެވެ. އެގޮތުން ފެނާއި ކަރަންޓުގެ ޚިދުމަތް ނެތި، ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ އެންމެ ކްލާސްރޫމެއްގައި 120 ކުދިން ކިޔަވަމުންދާއިރު، ޖާގަ ނެތުމުގެ ސަބަބުން އެތައް ސަތޭކަ ކުދިންނަކަށް ވަދެވޭނެ ގޮތެއް ނެތި ބޭރުގައި ތިބެންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ސުދާންގައި 8 މިލިއަން ކުދިން ސްކޫލަށް ނުދެވި ތިބިއިރު، އެ ޤައުމުގެ ކުދިންނަށް އެހީތެރިވުމަށް 22 މިލިއަން ޑޮލަރުގެ ފަންޑެއް ވަނީ އިޢުލާނުކޮށްފައެވެ. މީގެ އިތުރުން ނޭޕާާލުގައި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައިޖެހުނު ކުދިންގެ ތަޢުލީމަށް 1 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.
ވަކިން ޚާއްޞަކޮށް ޣައްޒާގެ ކުޑަކުދިންގެ ޙާލަތު ބަޔާންކުރައްވަމުން ޖަލްބޫތު ވިދާޅުވީ، ނިސްބަތުން ދުނިޔޭގައި އެންމެ ގިނައިން ގުނަވަންތައް މަދުވުމުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިން ތިބީ ޣައްޒާގައި ކަމަށެވެ. ޣައްޒާގައި 660,000 ކުދިން ސްކޫލަށް ނުދެވޭތާ 3 އަހަރު ވެފައިވާއިރު، އެންމެ ތުއްތުކުދިންގެ ތެރެއިން 70,000 ކުދިންނަށް ޕްރީސްކޫލް ތަޢުލީމު ލިބޭނެ އެއްވެސް މަގެއް ނެތެވެ. މިފަދަ ނިކަމެތި ޙާލަތުގައި ތިބި 13,000 ކުދިންނަށް، ޚާއްޞަކޮށް ހަނގުރާމައިގެ ސަބަބުން ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ކުދިންނާއި ޢާއިލާ ގެއްލިފައިވާ ޔަތީމު ކުދިންނަށް އެހީތެރިވުމަށް 3 މިލިއަން ޑޮލަރުގެ ކުއްލި އެހީއެއް ވަނީ އިޢުލާނުކޮށްފައެވެ.