އާސާރީ ބިނާއެއްކަމަށްވާ ތ.ކިނބިދޫ މާލޫދު ހަރުގެ މަރާމާތުކުރުމުގެ މަސައްކަތް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ފަށައިފިއެވެ.
ތ.ކިނބިދޫ މާލޫދު ހަރުގެއަކީ ދިވެހިންގެ އިހުގެ މަސައްކަތްތެރިކަން ދައްކުވައިދޭ މުހިންމު ބިނާއެކެވެ. ދިވެހި ފަންނުވެރިކަން ފެންނަ މި ބިނާ މިހާތަނަށް އައިރު ހުރީ ވަރަށް ބޮޑަށް އަޅާނުލާ ދޫކޮށްލާފައެވެ.
ކިނބިދޫ މާލޫދު ހަރުގެ މަރާމާތުކުރުމުގެ މަސައްކަތަކީ ދިވެހި ތާރީޚާ ގުޅޭ ބިނާތައް މަރާމާތުކޮށް ދިގު މުއްދަތަށް ފެންނާނެހެން ބެހެއްޓުމަށް، ޤައުމީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
މާލޫދު ހަރުގެ މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޢަލީ ގީތު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. މި އެއްބަސްވުމުގެދަށުން މާލޫދު ހަރުގޭގެ ފުރާޅު ބަދަލުކުރުމާއި ފާރުތައް މަރާމާތުކުރުމާއި ތަޅުން އެޅުމާއި ދޮރުތައް ބަދަލުކުރުމާއި ސީލިންގް އަދި ކަރަންޓު ވަޔަރިންގެ މަސައްކަތްތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ކިނބިދޫ މާލޫދު ހަރުގެ މަރާތުކުރުމަށް 496،981.00 (ހަތަރުލައްކަ ނުވަދިހަ ހަހާސް ނުވަސަތޭކަ އަށްޑިހަ އެއް ރުފިޔާ) ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.
ތ.ކިނބިދޫ މާލޫދު ހަރުގެއަކީ، އެތަނެއްގެ ވާހަކަތައް މާބޮޑަށް އަޑު އިވިފައި ނެތްނަމަވެސް ރަށުގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ބިނާއެކެވެ. މި ބިނާއަށް "މާލޫދު ހަރުގެ" ނަމުން ނަން ދީފައިވާއިރު، އޭރު މި ބިނާ އެއްމެ ބޮޑަށް ބޭނުންކުރީ މާލޫދު ކިޔުމަށެވެ. އަދި ބޮޑު މާލޫދަށް އަތޮޅުތަކުގެ އެހެން ރަށްތަކުންވެސް ކިނބިދުއަށް މީހުން އަންނަކަމަށްވެއެވެ. މި ބިނާ ފުރަތަމަ ބޭނުންކޮށްފައިވަނީ ކިނބިދޫގައި ކިޔަވައިދޭ މަދަރުސާއެއްގެ ގޮތުގައެވެ. އަދި ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށްވެސް މި ބިނާ ބޭނުންކޮށްފައިވެއެވެ.
މި ހަރުގޭގެ ފަރުމާއަށް ބަލައިލުމުން ދިވެހިންގެ ހުނަރުވެރި މަސައްކަތްތެރިކަން ވަރަށް ބޮޑަށް ފެނެއެވެ. އެގޮތުން މިއީ އާދައިގެ ފަން ޖިފުޓީގައި މީހުން ދިރިއުޅެމުން އައި އެ ޒަމާނުގައި އެރަށުގައި އިމާރާތްކުރި އެންމެ ބޮޑު ބިނާއެވެ. އަދި މި އިމާރާތް ހަދާފައިވަނީ އެތެރޭގައި ތަނބުޖަހައި ހިރިގަލާއި އުވައިން ރާނައި، އެތެރެއާއި ބޭރުގައި އުވަ ޖަހައިގެންނެވެ. މާލޫދު ހަރުގޭގެ ބޮޑުމިނުގައި 1600 އަކަފޫޓު ހުރެއެވެ.
މި ބިނާއަށް 100 އަހަރަށްވުރެ ގިނަ އަހަރު ވެދާނެކަމަށް ބެލެވެއެވެ.