އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގައި ދިން ބަޑީގެ ހަމަލާތަކަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ސަރުކާރުގެ އިސް ވެރިން އަވަހާރަކޮށްލަން ކުރި މަސައްކަތެއް ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.
ސެކިޔުރިޓީ ޗެކް ޕޮއިންޓެއް ފޫއަޅުވާލައި، ޝޮޓްގަންއަކާއި އިތުރު ހަތިޔާރުތަކެއް އަޅައިގެން ހުރި މީހާ ހަމަލާދީފައި ވަނީ، ސީކްރެޓް ސަރވިސްގެ އޮފިސަރަކަށެވެ.
ބަޑީގެ ހަމަލާތައް ދިނުމާއެކު، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ވަނީ ވަގުތުން ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިޔާ ޓްރަމްޕް ރައްކާތެރިކޮށް، އެހެން ތަނަކަށް ބަދަލުކޮށްފައެވެ. އެ ފަރީއްކޮޅަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއްދިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
އެމެރިކާގެ ވަގުތީ ބަންޑާނައިބު ޓޮޑް ބްލާންޝް ވިދާޅުވީ، ހަމަލާދިން މީހާގެ އަމާޒަކަށްވީ ޓްރަމްޕާއި ސަރުކާރުގެ އިސްވެރިން އަވަހާރަކޮށްލުން ކަމަށް ބެލެވޭ ކަމަށެވެ.
ހަމަލާދިން މީހާގެ ވަނަވަރު އަދި ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެ މީހާއަކީ އުމުރުން 31 އަހަރުގެ ކޯލް ޓޮމާސް އެލެންއެވެ. އަދި އޭނާއަކީ ކެލިފޯނިއާގެ ސްކޫލެއްގެ ޓީޗަރެއް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، އޭނާ މި ހަމަލާ ދިނުމުގެ ސީދާ މަޤްޞަދު އަދި ސާފުނުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ވަނީ ފަރީއްކޮޅު ބާއްވަން ތައްޔާރުވަމުން ދަނިކޮށް ހިލްޓަން ހޮޓަލަށް ޗެކްއިންކޮށްފައެވެ. އޭނާ އެ ހޮޓަލަށް ހަތިޔާރު ވެއްދި ގޮތެއް ތަޙުޤީޤުގެ ތެރެއިން ބަލަމުންދާކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފައިވެއެވެ.
ބަޑީގެ އަޑާއެކު ފަރީއްކޮޅުގައި ބައިވެރިވި 2,600 އެއްހާ މީހުންގެ މެދުގައި ބޮޑު ހާސްކަމެއް އުފެދި، މީހުން ހަޅޭއްލަވައި މޭޒުތަކުގެ ދަށަށް ވަދެ ފިލި މަންޒަރު، އެ ސަރަޙައްދުން ޢާންމުކޮށްފައިވާ ވީޑިއޯތަކުން ފެނެއެވެ. ޓްރަމްޕް ވަނީ، ބަޑީގެ ހަމަލާތައް ދިން މީހާ ހުއްޓުވުމުގައި ސީކްރެޓް ސަރވިސްގެ އޭޖެންޓުން އަދާކޮށްފައިވާ ހިތްވަރުގަދަ ދައުރު ފާހަގަކުރަައްވާފައެވެ.
މިއީ، 2024 ވަނަ އަހަރު ޕެންސިލްވޭނިޔާގެ ބަޓްލަރގައި ޓްރަމްޕްގެ ކަންފަތްޕުޅަށް އަނިޔާވި ހަމަލާއާއި، ފްލޮރިޑާގެ ގޮލްފް ކްލަބުގައި އޭނާ އަވަހާރަކޮށްލަން އުޅުނު ހާދިސާއަށްފަހު ދީފައިވާ މި ފަދަ ތިންވަނަ ހަމަލާއެވެ.