ޚަބަރު

ލީޑްސް ބަލިކޮށް ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދައިފި އެވެ.

ޗެލްސީ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ލަންޑަނުގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ލީޑްސް ޔުނައިޓެޑް ނިކުމެފައިވަނީ 1973 ވަނަ އަހަރަށްފަހު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ފުރަތަމަ ފަހަރަށް ހޯދުމަށެވެ.

ޗެލްސީގެ ކޯޗު ކަމުން ލިއާމް ރޮޒޭނިއާ ވަކިކުރުމަށްފަހު އެ ޓީމުގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވި މެކްފާރލޭންގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީ އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 23 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑޭޒް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޗެލްސީ އަށް މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެންގޮސްފައިވާއިރު ލީޑްސް އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ޗެލްސީޣެ ގޯލުކީޕަރު ސަންޗޭޒް ވަނީ ވަރަށް ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި އަންނަ މެއި މަހުގެ 16 ވަނަ ދުވަހު ޗެލްސީ އާއި ދެކޮޅަށް ނިކުންނާނީ މެންޗެސްޓަރ ސިޓީ އެވެ.

ޗެލްސީގެ ކޯޗު މެކްފާރލޭން ވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ކޯލް ޕާމާ މި މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރުވާފަ އެވެ.