ޚަބަރު

ލ.ފޮނަދޫ މަގުހެދުމުގެ 2ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީއާ ޙަވާލުކޮށްފި


ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ 2ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީއާ ޙަވާލުކޮށްފިއެވެ. ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސްވަނީ ނިމުމަކާ ގާތްވެފައެވެ.

ލ.ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގެ 3.64 ކިލޯމިޓަރުގެ މަގު ހެދުމަށްވަނީ ޖަމަޖެހިފައެވެ. ފޮނަދޫ މަގުތައް ހަދަނީ، މަގުގެ މައްސަލައަށް ފުރިހަމައަށް ޙައްލު ލިބޭނެހެން ފަރުމާކޮށް، ތާރު އަޅައިގެންނެވެ.

އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މަގުތަކުގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތިޖަހައި ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތެކެވެ. މި މަސައްކަތްތައް އެމްޓިސީއާ ހަވާލުކުރީ 390ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢަކީ ސަރުކާރުން 53.9މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ފުނަދޫ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއުކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝަނާ ފަރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ.

ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައި 2017ވަނަ އަހަރުއެވެ. ނަމަވެސް މަސައްކަތް ހުއްޓި ދިގުމުއްދަތެއްފަހުން، އަލުން އެމްޓީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށީ 2019ވަނަ އަހަރުގެ ޖޫންމަހުއެވެ. އަދި މިދިޔަ ޑިސެމްބަރުމަހުވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.

ފުރަތަމަ ފިޔަވަހީގައި އެރަށުގެ 12މަގެއްގައި ތާރު އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެއީ 3.5ކިލޯ މީޓަރުގެ ސަރަޙައްދެކެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތާރު އެޅުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ރަށަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށްވެސް ޙައްލު ލިބޭނެހެން، ފަރުމާކޮށްގެންނެވެ.