ޚަބަރު

ނިއުރޭޑިއަންޓާއި ބުރު ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފި


  • މެޗު ފަސްކުރީ ވާރޭވެހި ދަނޑުގައި ފެންބޮޑުވުމުން

  • މެޗު ކުޅޭނެ ތާރީޚެއް ފަހުން އަންގާނެކަމަށް އެފްއޭއެމް އިން ބުނޭ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މި މެޗު ފަސްކޮށްފައި ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވެހެމުންދާ ބޯ ވާރޭގެ ސަބަބުން މެޗު ނުކުޅެވޭ ހާލަތަށް ދިއުމުންނެވެ. މެޗު ކުޅެން ތާވަލުކޮށްފައި އޮތް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި، ވާރޭވެހުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މި މެޗު ކުޅޭނެ ތާރީޚެއް ފަހުން އިއުލާނުކުރާނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބުނެފައެވެ.

ލީގުގައި މި ދެޓީމުގެ ކުރިމަތިލުން ފެނިގެންދާން އޮތް މެޗަކީ މި ސީޒަނުގެ ލީގުގައި މި ދެޓީމުގެ ވެސް ފަސްވަނަ މެޗެވެ.

މީގެކުރިން ދެ ޓީމުން ވެސް ހަތަރު މެޗު ކުޅެފައިވާއިރު ނިއުރޭޑިއަންޓުން ވަނީ އޭގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެފައެވެ. ލީގު ތާވަލުގައި ނިއުރޭޑިއަންޓަށް ހަތަރު މެޗުން ޖުމްލަ އަށް ޕޮއިންޓު ލިބިފައިވެއެވެ.

ފާއިތުވީ ސީޒަނުގެ ލީގުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބަށް މި ސީޒަނުގައި އަދި އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާއިރު އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އެޓީމު މޮޅުވެފައި ވަނީ މި ސީޒަނުގައި އަދި މޮޅެއް ހޯދިފައި ނުވާ، ގދ. ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ބުރަށް ހަތަރު މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.