ޚަބަރު

ތުރުކީވިލާތާއި ޤަޠަރާއި ޕާކިސްތާން އަދި އިންޑޮނޭޝިއާއިން ދިފާޢީ އެއްބަސްވުމެއް


ދިފާޢީ އެއްބާރުލުން ދިނުން އިތުރުކޮށް ދިފާޢީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ތުރުކީވިލާތާއި ޤަޠަރާއި ޕާކިސްތާންއާއި އިންޑޮނޭޝިއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޤަޠަރުގެ ދައުޙާގައި ބޭއްވި ރަސްމިއްޔާތެއްގައި ހަތަރު ޤަައުމުން ވެސް “ބަދްރު”ގެ ނަން ދީފައިވާ ފަހުމުނާމާގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ފަހުމުނާމާއިން ދައްކުވައިދެނީ އެއްބާރުލުން ދިނުން އިތުރުކޮށް، ހަތަރު ޤައުމުން ވެސް އެއް ޤައުމުން އަނެއް ޤައުމުގެ ބައިވެރިއެއްގެ ގޮތުގައި އޮތުމަށް އެދޭ އެދުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ އެ އެއްބަސްވުމަކީ އިޤްތިޞާދީ ދާއިރާއިން ވެސް މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަސްކަރީ ހަތިޔާރާއި އެހެނިހެން ސާމާނު އުފެއްދުމުގައި އެކުގައި މަސައްކަތްކުރުމާއި، އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމާއި، ފަންނީ އަސްކަރީ ތަމްރީންތައް ބޭއްވުމުގައިއާއި، ދިރާސާކުރުމުގައި ވެސް ޤައުމުތަކުން އެކުގައި މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެ ޤައުމެއްގެ އަމިއްލަވަންތަ އަސްކަރީ ބާރުވެރިކަން ބޭނުންކޮށްގެން އެއްބަސްވުމުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އަސްކަރީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ތުރުކީވިލާތަކީ ނޭޓޯގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ޤައުމެވެ. އެ ޤައުމަކީ ކުރިއަރާފައިވާ ދިފާޢީ ދާއިރާއެއް ވެސް އޮންނަ ޤައުމެކެވެ. މެދުއިރުމަތީގެ ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައި އެ ޤައުމުން ދަނީ ޤަޠަރު ހިމެނޭހެން ގަލްފުގެ ޤައުމުތަކަށް ދިފާޢީ ދާއިރާއިން އެހީތެރިވަމުންނެވެ.

ޕާކިސްތާންއާއި ސަޢުދީ ޢަރަބިއްޔާއާއި ތުރުކީވިލާތުންވެސް ވަނީ މި އަހަރުގެ އޮގަސްޓު މަހުގެ 7ވަނަ ދުވަހު ދިފާޢީ އެއްބަސްވުމެއްގައި އެކުގައި ސޮއިކޮށްފައެވެ. މައްކާ ޖޮއިންޓް ޑިފެންސް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ތިން ޤައުމުން ކުރެ އެއްވެސް ޤައުމަކަށް ހަތިޔާރު ބޭނުންކޮށްގެން ދޭ ކޮންމެ ހަމަލާއަކީ ތިން ޤައުމަށް ވެސް ރައްދުވާ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ.

ތުރުކީވިލާތުން އިންޑޮނޭޝިއާއާއެކު ވެސް ދިފާޢީ ދާއިރާގައި ގާތް ގުޅުމެއް ދަމަހައްޓައެވެ.