ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭ ހަދަން ބޭނުންވާ ބިން ތައްޔާރުކުރަން ފަށައިފި


ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭ ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީއާ)އެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ އެންމެ ފަހުން ރާއްޖޭގައި ތަރައްޤީކުރަން ފެށި އެއަރޕޯޓްއެވެ. މިތަނުގެ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019ވަނަ އަހަރު ނިމުނުނަމަވެސް، މިހާތަނަށް އައިރުވެސް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. ދިގު މުއްދަތަކަށްފަހު ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ.

އެއަރޕޯޓްގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން އެރަށަށް ގޮސް މިހާރުވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ ރަންވޭ ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ރަންވޭގެ ބޭސް ލޭޔަރުތައް އެޅުމަށް ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް މިމަހު 16ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ޚާއްސަކުރަނީ އެތެރޭގެ އުދުހުންތަކަށެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200މީޓަރުގެ ރަންވޭ ހެދުމާއި ޓެކްސީވޭއާއި ޕްލައިޓް ޕާކުކުރާ އޭޕްރަންއާއި ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. ނަމަވެސް މި މަޝްރޫޢުގެ މަސައްކަތް މިއަހަރު ފަހުކޮޅަށް ނިންމާނެކަމަށް، ހައުސިންގ މިނިސްޓަރ އަސްލަން މިދިޔަ ޑިސެމްބަރުމަހު މަޖިލީހުގައި ވާހަކަދައްކަވަމުންވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30މިނެޓުން އެއަރޕޯޓަށް ދަތުރުކުރެވޭ ކައިރިމިނުގައި، ވައިގެ ދަތުރުގެ ނިޒާމު ޤާއިމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން މިދިޔަ އަހަރުވަނީ ރާއްޖޭގެ އިތުރު ތިން ރަށުގައިވެސް އެއަރޕޯޓް އެޅުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.