ޅ.ފެލިވަރުގައި އިތުރު މަސްވެރިކަމުގެ އިތުރު ފެސިލިޓީތަށް ޤާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިސްވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވާނީ އެއް އަހަރުދުވަހުގެތެރޭގައި ނިންމުމަށެވެ.
ފެލިވަރުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ތޮށި ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ފެލިވަރަކީ މިފްކޯގެ މަސް ފެކްޓްރީ ހިންގަމުންދާ ސިނާޢީ ރަށެކެވެ. ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ރަނގަޅު ބަނދަރެއް ނެތުމުގެ ދަތިކަން ބޯޓުފަހަރާއި އޮޑިފަހަރަށްވަނީ ކުރިމަތިވެފައެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރގެ ފަރާތުން، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 179،780.40 އަކަ މީޓަރުގެ ސަރަޙައްދެއް ބަނދަރުން ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވީ ބަނދަރަށް ޖާގަ އިތުރުކުރުމުގެ ގޮތުން 574މީޓަރުގައި ޝީޓްޕައިލް ޖެހާނެކަމަށެވެ.
މި މަސައްކަތުގައި ދެން ހިމެނެނީ 218މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި ލުމާ، 264މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމެވެ. އަދި 95ފެންޑާރާ، 9ބޮލަރޑް ހަރުކުރުމާއި 2466 އަކަމީޓަރުގެ ޕޭމަންޓްލުމުގެ މަސައްކަތެވެ.
ޅ. ފެލިވަރުގެ ބިންހިއްކުމާއި، ބަނދަރު ހެދުމުގެ މަސައްކަތް މިއަދު @MTCCPlcއާ ޙަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) January 19, 2021
113.3 މިލިޔަން ރުފިޔާ ޚަރަދުކޮށް، ހިންގާ މިމަޝްރޫޢުގެ ބޭނުމަކީ ލަފާފުރޭ ބަނދަރަކާއިއެކު ކޯލްޑް ސްޓޯރޭޖް ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން.
1/2 pic.twitter.com/DStFsdVc8u
މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ. އެއް އަހަރު ދުވަހުން ނިންމުމަށް ހަވާލުކުރި މި މަޝްރޫއުއަށް 113،398،222 (ސަތޭކަ ތޭރަ މިލިއަން ތިން ލައްކަ ނުވަދިހަ އަށް ހާސް ދުއްސައްތާ ބާވީސް) ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.
ޕްލޭނިންގ މިނިސްޓްރިއިން ވިދާޅުވީ މި މަޝްރޫޢުއަށް ޚަރަދުކުރާނީ ހަރަތު އަހަރަށް ބަހާލައިގެން ޑިފަރޑް ޕޭމަންޓް އުސޫލުން ކަމަށެވެ.