ޚަބަރު

ކޯވިޑް ވެކްސިން ޕްރޮގްރާމް އިންޑިއާގައި ފެށުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ


ދުނިޔޭގެ ވެކްސިން ދިނުމުގެ އެންމެ ބޮޑު ޙަރަކާތް އިންޑިއާގައި ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ކޯވިޑް ވެކްސިން ޕްރޮގްރާމް ފެށުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ފެށި ވެކްސިން ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ކޯވިޑް-19ގެ ވެކްސިނާއެކު ކޯވިޑްގެ ޙާލަތަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ފަށާފައިވަނީ އިއްޔެއެވެ. ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު ބޮޑު 300 މިލިއަން މީހުން ހިމެނެއެވެ. މި އެންމެނަކީވެސް ކުރިޔަށް އޮތް ހަމަހާއި އަށްމަހުގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު އޮތް މީހުންކަމަށްވެއެވެ.

އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 30 މިލިއަން ޞިއްޙީ ޚިދުމަތްތެރިންނަށާއި ކުރީ ސަފުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށެވެ. އެއަށްފަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަދި ބަލި ޖެހިއްޖެނަމަ ޙާލު ދެރަވާނޭކަމަށް ބެލެވޭ 270 މިލިއަން މީހަކަށެވެ.

އިންޑިއާގައި ދެ ވެކްސިނެއް އެޤައުމުގެ ރައްޔިތުންނަށް ދަނީ ދެމުންނެވެ. އެއް ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޯވިޑް ވެކްސިނެވެ. އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިވެކްސިން އިންޑިއާގެ އަމިއްލަ ވެކްސިން ކުންފުންޏަކުންދަނީ އެގައުމުގައި އުފައްދަމުންނެވެ. ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ.

އިންޑިއާގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު، ރާއްޖެއިން އަންނަނީ މިމަހުގެ ތެރޭގައި ކޯވިޑް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ 26 ގައި ވެކްސިން ރާއްޖެ ގެނެވޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ހާމަކުރައްވާފައެވެ.