ކުޅިވަރު

ޔޫވީ އާއި ސަސްގެ ކުރިމަތިލުމަށް ހަމަހަަމަ ނިމުމެއް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 1-1 އިން އެއްވަރުވެއްޖެއެވެ.

ރޭގެ މެޗު ފަށައިގެން ޔުނައިޓެޑް ވިކްޓްރީ އިން ސަސް ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކައި ފުރަަތަމަ ފުރުސަތު ތަނަވަސްކުރިއެވެ. ސަސް އިން މެޗުގައި ތަނަވަސްކުރި ފުރަތަމަ ރަނގަޅު ފުރުސަތުގައި ވަނީ ލީޑުނަގައިފައެވެ. މެޗުގެ 24 ވަަނަ މިނިޓްގައި އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒާވާ ނަގައިދިން ބޯޅަ އެ ޓީމަށް ކުޅޭ ޖަޕާނުގެ އަނެއް މިޑްފީލްޑަރު އެއިސޫކޭ މޯރީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. އެ ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ރުސްލާން އާމިރޯފް އަތުގައި ޖެހިފައެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ކޯނަރެއްގައި ހުރަސްވި ބޯޅައެއް އޭރިއާތެރެއިން ހޯދައި ޔުނައިޓެޑް ވިކްޓްރީން ލަނޑެއް ޖެހިއެވެ. ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ އޮފްސައިޑް ކަމަށް ނިންމުމަށް ފަހުއެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ފަހު ވަގުތު އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން އީސައެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ އަނަޓޯލީ ވްލަސީޗޭވް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާ އެކު ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީއެވެ. ލީގުގެ ގަދަ ތިނެއްގެ ޓާގެޓާ އެކު ނުކުތް ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގުގެ އެންމެ ފުލުގައި ތިން ޕޮއިންޓާ އެކުގައެވެ. މެޗަށް ފަހު ޔޫވީގެ ކޯޗުކަމުން މުހައްމަދު އާދަމް ވަނީ އިސްތިއުފާ ދީފައެވެ.