ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓެއްގެ ޝަރުތު ހަމަނުވާތީ އޭނާގެ ކެނޑިޑެސީ ބާޠިލު ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކެނޑިޑެސީ ބާޠިލު ކޮށްފައިވަނީ ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި ކެނޑިޑޭޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުންކުރިމަތިލާފައިވާ ކެނޑިޑޭޓް ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށް، ކޮމިޝަނަށް ސާބިތުވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ދެ މީހުން ކަމުން އެނާގެ ކެނޑިޑެސީ ބާޠިލްކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެވަނައަށް ކުރިމަތިލި އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ރީހާން އަށް ވަނީ މިހާރު އެ ގޮނޑި ވަނީ އޮޓަމެޓިކުން ލިބިފަ އެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓެއްގެ ކެނޑިޑެސީ ބާޠިލު ކޮށްފައިވާއިރު، އިންތިޚާބުގައި ވާދަކުރި އިތުރު 7 ކެނޑިޑޭޓަކު ވަނީ ނަން އަބުރާ ނަގާފައެވެ. ނަން ނަގާފައިވަނީ އެމްޑީޕީގެ ފަސް ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެކެެވެ.
އެމްޑީޕީން ނަން ނަގާފައިވަނީ ވ. ރަކީދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެނޑިޑޭޓަކާއި ބ. ދޮންފަނު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެނޑިޑޭޓަކާއި ރ. ހުޅުދުއްފާރު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެނޑިޑޭޓަކާއި ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެނޑިޑޭޓަކާއި އދ. ދިގުރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެނޑިޑޭޓެކެވެ.
ޕީޕީއެމުން ނަން ނެގީ ނ. ކެނދިކުޅުދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެނޑިޑޭޓެކެވެ. ޖުމްހޫރީ ޕާޓީން ނަން ނެގީ ލ. ގަމު ކައުންސިލްގެ މެންބަރު ކުރިމަތިލި ކެނޑިޑޭޓެކެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް 143 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. ނަމަވެސް އެއީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އަޅާބަލާއިރު މަދު ޢަދަދެއްކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.