ޚަބަރު

ކުޑަފަރީ ފެނާއި ނަރުދަމާ ނިޒާމުގެ "ޕައިޕް ނެޓްވޯކް"ގެ މަސައްކަތް ފަށައިފި


ނ.ކުޑަފަރީގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ތެރެއިން "ޕައިޕް ނެޓްވޯކް" ނުވަތަ ބިމު އަޑީގައި ވަޅުލާ ހޮޅީގެ ވިއުގައިގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ނ.ކުޑަފަރީގައި ކުރިއަށްގެންދާ ފެނާ ނަރުދަމާގެ މަޝްރޫޢުގެދަށުން އެރަށުގައި 9.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އެޅުމާއި، 8.1 ކިލޯމީޓަރުގެ ފެނުގެ ވިއުގަ އަޅުމުގެ މަސައްކަތް ކުރިއަށް ދެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޑަފަރީ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނި (އެމްޑަބްލިއެސްސީ)އާއެވެ. މިވަގުތު އެރަށުގައި ފެން ޕްލާންޓް ޢިމާރާތުގެ މަސައްކަތްދަނީ ކުރިއަށެވެ. އަދި މިހާރު މިވަނީ ރަށުގެ ނަރުދަމާ ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްވެސް ފަށާފައެވެ.

ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮޅި ވަޅުލުމުގެ މަސައްކަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސައާއި އެމްޑަބްލުއެސްސިގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ. އަދި ކުންފުނީގެ އިސްވެރިންނާއި، ކައުންސިލާއި ރަށުގެ ރައްޔިތުން މިރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އަހުމަދު ޢީސަ ވިދާޅުވި މިފަދަ ޚިދުމަތްތައް އާބާދީ ކުދި ރަށްތަކުގައި ފަށައިގެން ކުރިއަށްގެންދިއުމަކީ، ކުދި ރަށްރަށާމެދު ތަފާތުކުރުމެއް ނެތި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވާކަމުގެ ހެކިކަމަށެވެ. އަދި މިކަމުގެ ސަަބަބުން ޢާއްމު ރައްޔިތުންނަށް ލިބޭ ލުއި ފަސޭހައާއި، ވަޒީފާގެ އިތުރު ދޮރުތައް ހުޅުވޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޙާލަތުގެ ގޮތުން އިޤްތިސާދު އޮތީ އަނދަވަޅެއްގައި. ވަަޒީފާ ގެއްލިފައިވާ އެތަށް ބަޔަކު އެބަތިބި. މިފަދަ މަޝްރޫޢުގެ ސަބަބުން ރަށުގައި އާ ވަޒީފާތައް އެބަ އުފެދޭ. އަދި ވަރަށް ބޮޑު އުއްމީދެއް ރަށުގައި ކުރާ އުމްރާނީ ތަރައްޤީގެ މަޝްރޫތައް ރަށުގެ މީހުންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިއުމަކީ." އީސަ ވިދާޅުވިއެވެ.

ކުޑަފަރީ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުއެވެ. މިއީ އަވަހަށް ނިންމުމަށް މަސައްކަތްކުރި މަޝްރޫއޫއެއް ނަމަވެސް ކޯވިޑް19ގެ ޙަލަތާ ގުޅިގެ މަޝްރޫއުގެ މަސައްކަތަށް މަޑުޖެހުނެވެ. ނަމަވެސް މިފެށި ހޮޅި ވަޅުލުމުގެ މަސައްކަތާއެކު، އިތުރަށް ހަލުވި ދުވެއްޔެއްގައި މަސައްކަތް ނިންމާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވިއެވެ. މި މަސައްކަތް އެމްޑަބްލިއުއެސްސީން ކުރިއަށްގެންދަނީ ސަބް ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

"ރައީސްގެ ވަޢުދުފުޅަކީ ހުރިހާ ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުން. އެ ޢަމާޒަށް މި ކުންފުނިންވެސް މަސައްކަތް ކުރަނީ. އަޅުގަނޑުމެން މަސައްކަތް ހަވާލުކުރާ ސަބް ކުންފުނިތަކުންވެސް ރަށުގައި ފުރިހަމައަށް މަސައްކަތް ގެންދާކަން ކަށަވަރުކުރާނަން." ޝާހު ވިދާޅުވިއެވެ.

ނ.ކުޑަފަރީ ކައުންސިލްގެ ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތްތަކީ ރަށުގެ ރައްޔިތުން އެތަށް އަހަރެއްވަންދެން ކުރި އުންމީދެއްކަމަށެވެ. މި މަސައްކަތް ޙަޤީޤަތަކަށްވުމުން ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"30 ،40 އަހަރު މިވަނީ މިފަދަ މަޝްރޫޢުއަކަށް ރައްޔިތުން އިންތިޒާރުކުރާތާ. ފެނުގެ ދަތިކަމާއި، އަދި ގޭގޭގައި ޖަންކްޝާން ބަހައްޓައިގެން މިދިމާވާ ދަތިތަކަށް ޙައްލެއް ލިބޭނެ." ކައުންސިލްގެ ރައީސް ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

ފެނުގެ ޕްރޮޖެކްޓްގެދަށުން ރަށުގައި އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރާ ނިޒާމާއި ވާރެފެން ރައްކާކުރާ ޓޭންކް ބެހެއްޓުމާއި، ގޭގެއަށް ނެޓްވަރކް އެޅުމާއި ފެން ތަޙުލީލިކުރާ ސާމާނު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ނަރުދަމާގެ މަސައްކަތުގެ ދަށުން 2 ޕަމްޕް ސްޓޭޝަނާއި، ސީއައުޓްފޯލް އެޅުމާއި، ރަށުގެ 112ގެއަށް ނެޓްވަރކް ގުޅުމަށްވަނީ ހަމަޖެހިފައެވެ. ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ޖޫންމަހު ނިންމާނެއެވެ.

ކުޑަފަރީއަކީ އާބާދީގައި 800 އެއްހައި މީހުން ރަޖިސްޓްރީވެފައި ވާ ރަށެކެވެ. އެހެންނަމަވެސް އެރަށުގައި ދިރިއުޅެނީ 400އެއްހައި މީހުންނެވެ.