ޚަބަރު

ތަޙުޤީޤަށް ހުރިހާ އޮފިސަރުންގެ އެއްބާރުލުން ބޭނުން - ސީ.ޕީ


ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮވި ޙާދިސާގެ ތަޙްޤީޤް
މަސައްކަތުގައި ފުލުހުންގެ ހުރިހާ އޮފިސަރުންގެ ފުރިހަމަ އެހީތެރިކަމާ
އެއްބާރުލެއްވުން ތަޙުޤީޤު ޓީމަށް ދެއްވަމުން ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް
ހުސައިން ވަހީދު އެދިވަޑައިގެންފިއެވެ.





ކޮމިޝަނަރ
މިކަމަށް އެދިވަޑައިގަތީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާ
މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.  އިސްކަންދަރު ކޮށީގައި މިއަދު މެންދުރުފަހު
އޮތް ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މޯލްޑިވްސް
ޕޮލިސް ސަރވިސްއިން މިވަގުތު އެންމެ އިސްކަމެއްދީގެ ކުރަމުންދާ އެންމެ މުހިއްމު
މަސައްކަތަކީ ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮވި
ޙާދިސާގެ ފުރިހަމަ ތަޙުޤީޤެއްކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ޝަރީޢަތުގެ
ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އެހެންކަމުން މިމަސައްކަތުގައި މިހާރުވެސް ދެއްވަމުންދާ އެއްބާރުލެއްވުން ތަޙުޤީޤު
ޓީމަށް ދެއްވަމުން ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.





ކޮމިޝަނަރ
ޙުސައިން ވަޙީދު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ ތަޙުޤީޤުގައި ހައްޔަރު ކުރަން
ޖެހުނު ކޮންމެ މީހަކު ހައްޔަރު ކުރަން ފުލުހުން ފަސް ނުޖެހޭނެ ކަމަށާއި ބަލައި
ފާސްކުރަންޖެހިއްޖެނަމަ ބަލައި ފާސް ނުކުރާނެ އެއްވެސް ތަނެއް ނުބާއްވާނެ ކަމުގެ
ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ. ހަމައެއާއެކު މިކަމުގައި
ޝާމިލްވާ ބަޔަކު ހޯދުމަށް ފުލުހުންގެ ހުރިހާ ވަޞީލަތެއްގެ ބޭނުން ކުރުމުގެ
އިޚްތިޔާރު ތަޙުޤީޤު ޓީމަށް ދެއްވާފައިވާނެ ކަމަށާއި މިނިވަންކަމާއެކު ތަޙުޤީޤުގެ
މަސައްކަތް ކުރުމުގެ ފުރުޞަތު މި މަސައްކަތުގައި ޙަރަކާތްތެރިވާ ތަޙުޤީޤު ޓީމަށް
ފުލުހުންގެ މުޅި މުއައްސަސާއިން ދީފައިވާކަމަށެވެ. ތަހްޤީޤާއި ގުޅިގެން ކުރަންޖެހުނު ކޮންމެ
މަސައްކަތަކަށް ކޮންމެ ފުލުހަކު އަދި ކޮންމެ އޮފިސަރެއްގެ ކިބައިން ފުރިހަމަ
އެއްބާރުލެއްވުން ދެއްވުމަށްވެސް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.





މީގެ އިތުރުން
ރިޔާސީ ލޯންޗްކޮޅުގެ ތަޙުޤީޤު ކުރިޔަށްދާއިރު މިކަމާ ގުޅިގެން ރަށުތެރެ
ހަލަބޮލިކޮށް ރަށުތެރޭގެ ޞުލްޙަ މަސަލަސްކަން ނަގާލަން މަސައްކަތް ކުރުމުގެ
ފުރުޞަތު އެއްވެސް ފަރާތަކަށް ދެއްވައިގެން ނުވާނެ ކަމަށާއި  އެފަދަ ކަންކަން ހުއްޓުވައި އަމާންކަމާ
ރައްކާތެރިކަން ދެމެހެއްޓުމަށް ރޭވުންތެރިކަމާ ޙިކުމަތްތެރިކަމާއެކު މަސައްކަތް
ކޮށްދެއްވުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވައި އެގޮތަށް މަސައްކަތްތައް
ތަރުތީބުކޮށްގެން ކުރިޔަށް ގެންގޮސް ދެއްވުމަށް ކޮމިޝަންޑް އޮފިސަރުންގެ ކިބައިން
ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންފައިވެއެވެ.