އާޖެންޓީނާގެ މައުރީސިޔޯ ޕޮޗެޓީނިޔޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވުމަކުން ބާސެލޯނާގެ ލިއޮނަލް މެސީ އެކުލަބަށް ގޮސްދާނެކަމަށް ނުބެލެވޭ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
މިރޭ ލީގުގައި ބާސެލޯނާ ކުޅެން އޮތް މެޗުގެ ކުރިން އިއްޔެ ނޫސްވެރިންނާ ވާހަދައްކަމުން ކޫމަން ބުނީ ޕޮޗެޓީނިޔޯ ޕީއެސްޖީއާ ހަވާލުވާން އުޅޭ ވާހަކައަކީ ތެދެއް ކަމެއް ނޭގޭކަމަށާއި މެސީގެ ކުރިމަގާމެދު ގޮތެއް ނިންމާއިރު ވަކި ކޯޗެއްގެ ފަހަތުގައި މަސައްކަތް ކުރަން އޭނާ ބޭނުން ނުވާނެކަމަށް ކޫމަން ބުންޏެވެ. އޭނާ މި މޭރުން ވާހަދައްކަފައި މި ވަނީ މި ސިޒީނަށް ފަހު ކުލަބުގައި މަޑުނުކުރަން މެސީ ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ކޫމަން ބުނީ މެސީގެ ވާހަކަތަކާ ގުޅިގެން އޭނާ އެއްވެސްވަރަކަށް ހާސްނުވާ ކަމަށާއި މެސީގެ ނިންމުން ސީޒަން ނިމުމުން އެންމެނަށް ވެސް އެނގިގެން ދާނެކަމަށެވެ. ކޫމަން ބުނީ މެސީއަކީ އޭނާ ވަރަށް އިހުތިރާމް ކުރާ ކުޅުންތެރިއެއްކަމަށާއި މެސީގެ ވާހަކަތަކަށް އިހުތިރާމް ކުރާކަމަށެވެ. މެސީއަކީ ފުޓުބޯޅައަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށާއި އަދި ވެސް ބާސެލޯނާއަށް އެންމެ މުހިންމު ކުޅުންތެރިޔަކީ މެސީ ކަމަށް ކޫމަން ބުންޏެވެ.
ލަލީގާއި މިރޭ ބާސެލޯނާ އިން އައިބާއާ ދެކޮޅަށް ނުކުންނައިރު އެޓީމު ތާވަލުގެ ފަސްވަނައިގަ އޮތީ 14 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.