ޅ.ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމް ނިންމުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.
މިމަސައްކަތް ފަށްޓަވައިދެއްވާފައިވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހާއި ނައިފަރު ކައުންސިލްގެ ރައީސާ ވިދާދު އަބްދުﷲއެވެ.
ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރަންހުރި މަސައްކަތްތަކުގެތެރޭގައި ފެންހޮޅީގެ މައި ނެޓްވޯކްގެ ނުނިމިހުރި 3 ކިލޯ މީޓަރުގެ ފެންހޮޅި އެޅުމާއި އާރްއޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމި ހުރި މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާނގީތަކުގެ ނުނިމިހުރި މަސައްކަތްތަކާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. މިމަޝްރޫއުގެ ދަށުން އެރަށުގެ ގޭގޭގައި ފެން މީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެއެވެ.
ޅ.ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ މީގެ ކުރިން އެހެން ފަރާތަކާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ 26ވަނަ ދުވަހުއެވެ.
އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވާ މަސައްކަތުގެ މުއްދަތަކީ 05 މަސް ދުވަހެވެ.