ކޯވިޑް-19އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 342.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީ މެދުވެރިކޮށް 2039 ފަރާތަކަށް 342.3 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1403 ވިޔަފާރިއަކަށް ދޫކޮށްފައިވާ 323.3 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 636 ފަރާތަކަށް ދޫކުރި 19 މިލިއަން ރުފިޔާ ހިމެނެއެވެ.
އެސްޑީއެފްސީން ދޫކުރާ ލޯނުގެ ވަކި މިންވަރެއް ވަނީ ކަނބަލުންނަށް ޙާއްސަކޮށްފައެވެ. އެގޮތުން ކޯވިޑް-19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 574 ކަނބަލަކަށް 116.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ކޯވިޑް-19އާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު މިހާތަނަށް ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 842 ފަރާތަކަށްވަނީ 199.3 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު އަދަދަކުން ލޯން ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 59.2 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމަށް 54.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.