ރާއްޖެއިން އިތުރު 25 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެ.ޗްޕީ.އޭއިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 18:00އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00އާ ހަމައަށް މާލެ ސަރަޙައްދުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 21 މީހުންނެވެ. މިއީ އިއްޔެއަށްވުރެ 9 މީހުން އިތުރު ޢަދަދެކެވެ. އަދި އަތޮޅުތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،583 އަށް އަރާފައެވެ.
ބަލިޖެހުނު މީހުންގެތެރެއިން މިއަދު ރަނގަޅުވި 15 މީހުންނާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޢަދަދު 13،026 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި މި ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ ޖުމްލަ 502 މީހުންނެވެ. އަދި 36 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،183 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 301،481 އަށް މިވަނީ އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.