ރާއްޖެއަށް ކޯވިޑް-19ގެ ވެކްސިން ހޯދުމާގުޅޭގޮތުން ޑަބްލިއު.އެޗް.އޯއާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯގެ ރާއްޖޭގެ އޮފީސް މެދުވެރިކުރައްވައި، ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލާ، އެ ޖަމިއްޔާއިން ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައިވާ އޮފީހުގެ ރީޖަނަލް ޑިރެކްޓަރާ ކުރެއްވި މަޝްވަރާތަކުގައެވެ.
ހެލްތު މިނިސްޓަރ ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލާއި، އެ ޖަމިއްޔާއިން ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރާއެކު މަޝްވަރާތައް ކުރައްވާފައިވާއިރު، ޑަބްލިއު.އެޗް.އޯއިން އަންނަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފަންނީގޮތުންނާއި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ޕީ.ޕީ.އީ އިކުއިޕްމަންޓް ހަދިޔާކުރުމާއި، ބަލީގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގައި އެ ޖަމިއްޔާއިން ވަނީ ބޮޑު އެހީތެރިކަމެއްދީފައެވެ.
@WHOMaldives facilitated interaction between His Excellency Minister of Health @KerafaNaseem with @WHO Director-General and @WHOSEARO Regional Director to support the deployment of COVID-19 vaccines to protect the health and economy of the country ?? pic.twitter.com/roISJWPSw3
— WHO Maldives (@WHOMaldives) December 25, 2020
ސަރުކާރުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް ކޯވިޑް-19 ގެ ވެކްސިން ފުރަތަމަ ޝިޕްމަންޓް ލިބި، ވެކްސިން ޖަހަން ފަށާނެކަން ހާމަކުރައްވާފައެވެ.
އެހެންކަމުން ވެކްސިން ޖެހުމުގެ ކުރިން ކުރަންޖެހޭ މަސައްކަތުގެ ދަށުން ވެކްސިން ރައްކާކުރުމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއާއި ޔުނިސެފް މެދުވެރިކޮށް ވެކްސިން ރައްކާކުރުމަށް ބޭނުންވާ އިތުރު ސާމާނު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެއްތަނުން އަނެއްތަނަށް ރައްކާތެރިގޮތުގައި ވެކްސިން ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ވެކްސިން ޖަހާނެ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއާއި، ކައުންސިލްތަކާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. އެގޮތުން ވެކްސިންގެ %3 ޚާއްޞަކޮށްފައިވާނީ ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ވެކްސިން ހިލޭ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ވެކްސިންގެ އިތުރަށް އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.