ޚަބަރު

ޢިމާރާތްކުރުމުގެ ޞިނާޢަތުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


ޢިމާރާތްކުރުމާއި ފަރުމާކުރުމުގެ ޞިނާޢަތުގައި ދިވެހިންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސްއާއި އެސޯސިއޭޝަން އޮފް ސިވިލް އިންޖިނިއަރސް، ކޮންޓްރެކްޓަރސް އެސޯސިއޭޝަން އަދި މޯލްޑިވެސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން (މަސީ)ގެ މެދުގައެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އިސްމާޢީލް އަމީން ވިދާޅުވީ މިސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ފުރުސަތު ލިބެނީ ރާއްޖޭގެ މަޝްރޫޢުތަކުގައި އެކަނިކަމަށެވެ. އަދި މިއެއްބަސްވުމުގެ އަމާޒަކީ ބޭރުގެ ފަރާތްތަކުން ހިންގާ މަޝްރޫޢުތަކުންވެސް ދިވެހިންނަށް ފުރުސަތު ހޯދައިދިނުންކަމަށް އަމީން ވިދާޅުވިއެވެ.

"ކޮންޓްރެކްޓަރުން އާކިޓެކްޓަރުން އަދި އިންޖިނިއަރުން މަސައްކަތްކުރަނީ ހަމައެކަނި ރާއްޖޭގެ ޕްރޮޖެކްޓްތަކުގައި. ބޭރުގެ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތަކުން ދިވެހި ކޮންޓްރެކްޓަރުން އަދި އާކިޓެކްޓަރުންނަށް ނުލިބޭ މައްސަލައަކީ އިސްކަމެއްދީގެން ހައްލު ކުރަންބޭނުންވާ އެއްކަންތައް." އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ ޖަމްޢިއްޔާތަކުގެ މެދުގައި އެކުލަވާލެވުނު އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާގައި ހަދާފައިހުރި ޤަވާޢިދުތަކާއި ހެލްތު އެންޑް ސޭފްޓީ ޤަވާޢިދުތަކަށްވެސް ރަނގަޅު އިސްލާޙުތަކެއް ގެނައުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި ޞިނާޢަތުގައި ހަރަކާތްތެރިވާ މީހުންނަށް ލައިސަންސް ދިނުމާއި ރަޖިސްޓްރީ ކުރުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޢިމާރާތްކުރުމެ ޞިނާޢަތުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ހަތަރު ޖަމްޢިއްޔާއިން ވިދާޅުވާގޮތުގައި މި އެއްބަސްވުމުމުގެ މަޤްސަދަކީ ޞިނާޢަތް ކުރިއެރުވުމުގައި ޖަމްޢިއްޔާތަކަށް އެއްބަސްވެވޭ ކަންކަމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތްކުރުމެވެ.

މޯލްޑިވެސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން (މަސީ)ގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވީ އިންޖިނިއަރުނާއި އާކިޓެކްޓުންނާއި ކޮންޓްރެކްޓަރުން އެއްޕްލެޓްފޯމަކަށް އައުމަކީ ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުވާކަމެކެވެ.

ސިވިލް އިންޖިނިއަރސް އެސޯސިއޭޝަނުގެ ރައީސް އިސްމާޢީލް އިބްރާޙީމް ފާހަގަކުރެއްވިގޮތުގައި ކޮންސްޓްރަކްޝަން އެކްޓް ތަންފީޒުކުރަން ފެށުމާއެކު ގިނަގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔައެވެ. އެގޮންޖެހުންތައް ހައްލުކުރުމަށް މި ޖަމްޢިއްޔާތައް އެކުގައި މަސައްކަތްކުރުން މުހިންމުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން ދެ އަހަރުދުވަހެވެ. އަދި ޖަމްޢިއްޔާތަކުން އެދޭ ނަމަ މުއަދަތު އިތުރުކުރުމުގެ ފުރުސަތު ލިބިދީފައިވެއެވެ. އެއްބަސްވުމުގެ ދަށުން ނިންމުންތައް ނިންމާނީ ހަތަރު ޖަމްޢިއްޔާގެ ރައީސުން ހިމެނޭ ކޮމެޓީއަކުންނެވެ.