ޚަބަރު

ކުންފުންޏަށް ލިބެންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުލިބި އެބަހުރި: އެމްޑަބްލިޔުއެސްސީ


ރާއްޖޭގައި އޮތް އެންމެ ބޮޑު ޔުޓިލިޓީ ކުންފުުނިކަމަށްވާ އެމް.ޑަބްލިއު.އެސް.ސީއަށް ކަސްޓަމަރުންގެ އަތުން ލިބެންޖެހޭ ފައިސާގެ ތެރެއިން 250 މިލިއަނެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށް އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ފައިސާ ނުދައްކާ ހުރީ ހަމައެކަނި އަމިއްލަ ގޭބީސީތަކުން ނޫންކަމަށެވެ. އަދި ސަރުކާރުގެ ބައެއް އިދާރާތަކާއި އަމިއްލަ ކުންފުނިތަކުންވެސް ބައެއް ބިލުތަކަށް ފައިސާ ނުދައްކާ އެބަހުރިކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ކުރީގެ ސަރުކާރުގެ ހައުސިންގ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލްއާ ގުޅުމެއް ނެތުމުގެ ސަބަބުން އެމް.ޑަބްލިއު.އެސް.ސީގެ ވަރަށް ބައިވަރު މީޓަރުތައް އެއްވެސް ބަޔަކު ހަވާލުނުވެ އެބަހުރިކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާކަމަށް ޝާހު ވިދާޅުވިއެވެ.

"އެމް.ޑަބްލިއު.އެސް.ސީ އިން މީޓަރތައް ކަނޑާލަނީ ކޮންމެހެން ޚިދުމަތްތައް މެދު ކަނޑާލާކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އިންތިޒާމެއް ހަމަޖެހިގެން ބިލްތައް ދައްކާނެ ގޮތަކަށް ދެފަރާތް އެއްބަސްވެފަ އޮތުން. އެގޮތައް މިހާރު އެމް.ޑަބްލިއު.އެސް.ސީ އަށް އެންމެ ގިނައިން ލިބެނީ ބައިބަޔަށް ބަހާލައިގެން ބިލް ދެއްކުމަށް އެދި ފޮނުވާ ސިޓީ. ދެން އަޅުގަނޑުމެން ޚިދުމަތް ކަނޑާލަނީ ވަރަށް ބައިވަރު ކަންތައްތަކެއް ކޮށްފަ. އެއީ އެންމެ ފަހުގެ މަރުހަލާ" ޝާހު ވިދާޅުވިއެެވެ.

އެމް.ޑަބްލިއު.އެސް.ސީން ކަސްޓަމަރުންގެ އިހްސާސްތަކަށް އިހްތިރާމް ކުރާކަން ފާހަގަކުރައްވާ ޝާހް ވިދާޅުވީ މިހާރު ޚިދުމަތް ކަނޑާލަނީ ވަރަށް ބޮޑަށް ބެލުމަށްފަހުކަމަށެވެ. އަދި ބައެއް ފަރާތްތަކުން ނޯޓިސްގެ މެސެޖް ނުލިބޭ ޝަކުވާ ހުށަހަޅާކަން ފާހަގަކުރެވިފައިވާކަމަށްވެސް ޝާހު ވިދާޅުވިއެވެ. މިހެން ދިމާވަނީ ގޭގެ ވެރިފަރާތާއި ކުއްޔައް އުޅޭ ފަރާތާ ދެމެދު އެއްވެސް މުއާމަލާތެއް ނެތުމުންކަމަށް ޝާހު ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ގެސްޓްހައުސްތަކާއި، ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ބިލް ނުދެއްކިގެން ދިއުމާއެކު އެމް.ޑަބްލިއު.އެސް.ސީގެ އާމްދަނީއަށްވެސް ވަރަށް ބޮޑަށް އަސަރުކުރިކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން މިގޮތަށް ފައިސާ ދައްކަން ހުރި ފަރާތްތަކުން އެބޭފުޅުންނާއި ގުޅިގެން ވަކި އިންތިޒާމެއްގެ ދަށުން ފައިސާ ދެއްކުމުގެ ކަންކަން ކުރިޔަށް ގެންދާނަމަ އުސޫލުތައް ތަންދޭ މިންވަރަކުން ލުއިތައް ދީ އެކަމަށް ފަސޭހަވެގެންދާނެކަމަށް ޝާހު ވިދާޅުވިއެެވެ.