ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ފާހަގަކުރަން ބާއްވާ ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުން ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ބޭއްވުމަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހިނގާލުން އޮންނާނީ ހއ.ދިއްދޫ އާއި އެއަތޮޅު އިހަވަންދޫގެ އިތުރުން ހދ.ކުޅުދުއްފުށީގައިކަމަށެވެ.
ސިފައިންގެ ޝަރަފުގެ ހިނގާލުން ކުޅުދުށްފުށީގައި އޮންނާނީ މިމަހުގެ 17 ވަނަދުވަހުއެވެ. ދިއްދޫގައި މި ހިނގާލުން 18 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިހަވަންދޫގައި މި ހިނގާލުން އޮންނާނީ 19 ވަނަދުވަހުއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ތިން ރަށުގައިވެސް ހިނގާލުން އޮންނާނީ އެރަށްތަކުގެ އެންމެ ބޮޑެތި މަގުތަކުގައި އެދުވަހު ހަވީރު 4 ޖަހާއިރުކަމަށް. އަދި އެރޭ ސިފައިންގެ ކޯޕަރޭޓިވް(ސިފްކޯ ) ގެ ހެޔޮއެދުންތަކާއި އެކު އެރަށްރަށުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބާއްވާ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ.
ސިފައިންގެ 66ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. 3 މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ކޯހުގެ ދަސްވެނިވުން ފާހަގަކުރަން ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީއެވެ.
66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ފާހަގަކުރަން ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ޝަރަފުގެ ހިނގާލުން ބޭއްވޭ ރަށްރަށުގައި ސިފައިންގެ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ހޯދަން ޝައުގުވެރިވާ ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑިއެފްއިން މައުލޫމާތު ދެއްވައެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ. މީގެ ކުރިން މިފަދަ ކޯސްތަކުގެ ދަސްވެނިވުމުގެ ޝަރަފުގައި ބާއްވާ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއަރޓާޒެއްގައި ބާއްވަމުން ދިޔަ ހިނގާލުންތަކެކެވެ. އެމްއެންޑިއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުން ފެށިގެން އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވަނީ ރަށްރަށުގެ ރައްޔިތުންނަށް މިފަދަ ޝަރަފުގެ ހިނގާލުންތައް ކައިރިން ބަލާލުމުގެ ފުރުސަތު ހޯދައިދުނުމުގެ މަޤްސަދުގައެވެ.
ކުރިޔަށް އޮތްތާ މިފަދަ ހިނގާލުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ އަސާސީ ތަމްރީނު ކޯހެއް ކުރިޔަށްދާ އެމްއެންޑީއެފް އޭރިޔާއަކަށް ނިސްބަތްވާ ރަށެއްގައެވެ. މިފަހަރުގެ ޝަރަފުގެ ހިނގާލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްއާއި އެރަށްރަށުގެ ކައުންސިލް އިދާރާތައް ގުޅިގެންނެވެ.