ދިވެހިރާއްޖޭގެ ފަތުރުވެރިކަން
ބޮއިކޮޓް ކުރުމަށް ގޮވާލުމާއި، ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް
ގޮވާލުން މަނާކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. މިބިލް ރައްޔިތުންގެ މަޖިލީހަށް
ހުށައަޅުއްވާފައިވަނީ ވިލިފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ
ގްރޫޕްގެ ނައިބު ލީޑަރ ރިޔާޒު ރަޝީދެވެ.
ރާއްޖޭގެ ފަތުރުވެރިކަން
ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތަކާއި، ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅު
އެޅުމަށް ހިއްވަރުދީ އެކަމަށް ގޮވާލާ ފަރާތްތަކާމެދު ދައުވާކޮށް އަދަބު
ކަނޑައެޅޭގޮތައް ހުށައަޅާފައިވާ މިބިލު ހުށައެޅުމުގެ މަޤުސަދެއް ކަމުގައި
ބުނެފައިވަނީ، ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލުމާއި، ރާއްޖެއާމެދު
ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުންތައް ޤާނޫނީ ގޮތުން މަނާކުރުމާއި
އެކަން ހުއްޓުވުމެވެ. އަދި މިކަންތައްތަކަށް ދެވޭ އަދަބުތައް ކަނޑައެޅުންވެސް މި
ބިލް ހުށައެޅުމުގެ މަޤުސަތުތަކުގެ ތެރޭގައި ހިމެނެއެވެ.
މިބިލުގައި ބަޔާންކޮށްފައިވާ
ގޮތުން ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، ރާއްޖޭގެ ޓުއަރިޒަމް
ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތަކާއި، އެފަރާތްތަކަށް ހިއްވަރުދޭ ފަރާތްތަކާއި
އަދި އެފަދަ ގޮވާލުމަކަށް ތާއީދު ކުރާ ފަރާތްތަކާމެދުވެސް މިޤާނޫނުގެ ދަށުން
ފިޔަވަޅު އެޅޭނެއެވެ.
މިގޮތުން، ފަތުރުވެރިކަން
ބޮއިކޮޓް ކުރުމާއި، ދަރިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައިފިކަމަށް ނުވަތަ
ހިއްވަރު ދީފިކަމަށް ޝަރުޢީ ކޯޓެއްގައި މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ
އެފަރާތަކުން ބައިވެރިވި މިންވަރުގެ މައްޗަށް ބަލައި 2 އަހަރާއި 10 އަހަރާ
ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރެވޭނެއެވެ. ނުވަތަ ފަސް
ލައްކަ ރުފިޔާއާ 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އެފަދަ ކުށެއް
ސާބިތުވެއްޖެނަމަ އެފަރާތަކަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދައެއް
ދީފައިވާނަމަ އެހުއްދަ ބާތިލުކުރުމާއި، ދައުލަތުން އެއްވެސް ޝަރަފެއް
އަރުވާފައިވާނަމަ އެޝަރަފު އަނބުރާ އަތުލުމާއި، ދައުލަތުން އެއްވެސް އިނާޔަތެއް ލިބޭ
ފަރާތެއްނަމަ އެއިނާޔަތް ދިނުން ހުއްޓާލަންޖެހޭނެކަމަށް މި ބިލްގައި ބުނެފައިވެއެވެ.
މިބިލް ރައްޔިތުންގެ މަޖިލީހަށް
ހުށައެޅުމާއެކު ސަރުކާރު ހިންގާ ޕީޕީއެމަށް ތާއީދުކުރާ ބައެއް މެމްބަރުން ވަނީ
ސޯޝަލް މީޑިއާގައި މިބިލަށް ތައުރީފުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ޕީޕީއެމްގެ
ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ
އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ މިބިލަކީ ދިވެހި ދައުލަތަށް ވަރަށް
ބޭނުންތެރި ބިލެއް ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީން މިފަދަ
ބިލެއް މަޖިލީހަށް ހުށައަޅާފައިވަނީ ޓެރެރިޒަމްގެ ކުށް ސާބިތުވެ ޖަލުހުކުމް
ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލާގައި
ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދުނިޔޭގެ ޤައުމުތަކަށް ރާއްޖޭގެ
އިދިކޮޅު ޕާޓީތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.