ޚަބަރު

ބީ.އެމް.އެލްގެ އެހީގައި ކަނޑިތީމުގައި ޕާކެއް ހުޅުވައިފި


ބީއެމްއެލްގެ އެހީގައި ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފިއެވެ.

ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ތަރައްޤީކޮށްފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުންނެވެ.

ޖިނާން މުޙަައްމަދު ޝަމީމު ކިޔާ ބޭފުޅަކު ހުށަހެޅި މި ޕްރޮޖެކްޓް ގެ މަގުސަދަކީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރު ފުރައެއްގެ މީހުން އެއްވެ ގުޅުން ބަދަހިކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމުވެ.

އެރަށުގައި ހުޅުވުނު މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު ހެދުމަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ވަނީ ގާއިމްކުރެވިފައެވެ. ބާބަކިޔު ސަރަހައްދުގައި މޭޒާއި ބެންޗުވެސް އެކުލެވެއެވެ. މީގެ އިތުރުން ކުޑަކުދިން ކުޅެއުޅުމަށް ހާއްސަ ޕާކަކާއި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްވެސް މި ކޮމިއުނިޓީ ޕާކުގައި ހިމެނެއެވެ. ޕިކްނިކަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން މި ސަރަހައްދުގައި ވަނީ ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ވަނީ ބަހައްޓާފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބުކުރި ޖިނާން ބުނީ ބީއެމްއެލްގެ އެހީގައި ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ވަނީ ހަގީގަތަކަށްވެފައިކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށްވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް. މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި މުޙައްމަދު ޝިފާން އަދި ރިޔުނިއަން ކްލަބަށް ހާއްސަ ޝުކުރެއް ދަންނަވަން." ޖިނާން ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.