ހއ.ދިއްދޫގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 10 މިލިއަން ރުފިޔާއަށް، 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި ސޮއި ކުރީ ނޮވެންބަރ މަހުގެ 15ވަނަ ދުވަހުއެވެ.
އެމްޓީސީސީން ކުރިޔަށް ގެންދާ މިމަޝްރޫޢުގެ ދަށުން ޖިއޯ ބޭގްސް ޖަހައިގެން ދިއްދޫ ގިރާ ސަރަޙައްދުގެ 310 މީޓަރުގެ ގޮނޑުދޮށް ޙިމާޔަތްކުރާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.
ދިއްދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް އާދަޔާ ޚިލާފަށް ގިރަމުންދިޔުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގޮދޮރާއި މުދަލަށް ގެއްލުންވެދާނެތީ އާއްމުންގެ ކަންބޮޑުވުމާއި ގުޅިގެން، އެންވަޔަރަމަންޓް މިނިސްޓްރީން ކުއްލި ހާލަތު ދިމާވެފައިވާ ރަށްރަށުގެ ލިސްޓުގައި ހއ.ދިއްދޫ ހިމަނާފައިވާތީ ކުރިއަށް ގެންދާ މަޝްރޫޢެކެވެ.