ޚަބަރު

ފަޤީރުންނާއި މިސްކީނުންނަށް އަމިއްލަ ވިޔަފާރިކުރުމަށް އެހީތެރިވެދޭ ޕްރޮގްރާމެއް ތަރައްޤީކުރަނީ


ފަޤީރުންނާއި މިސްކީނުންނަށް އަމިއްލަ ވިޔަފާރިއެއް ކުރުމަށް އެހީތެރިވެދޭ ޕްރޮގްރާމެއް ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ ވޯލްޑް ޒަކާތް ފޯރަމް އިންޓަނޭޝަނަލް ކޮންފަރެންސް އެންޑް އެނުއަލް މީޓިން 2020 ގައި ތަޤްރީރުކުރައްވަމުންނެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން މިފަދަ ވިޔަފާރިއަކަށް ބޭނުންވާނެ ހުނަރާއި ތަމްރީނު ފޯރުވައިދީ ޒަކާތުގެ ގޮތުގައި އެފަދަ މީހުންނަށް ލިބިފައިވާ ފައިސާއިން ވިޔަފާރިއެއް ހިންގާނެ ގޮތުގެ މަޢުލޫމާތު ދެއްވާނެ ކަމަށެވެ. އަދި މިޕްރޮގްރާމްގެ ސަބަބުން މީހުން ފުދުންތެރިވެގެން ދިއުމުގެ މަގު ހުޅުވިގެންދާނެ ކަމަށާއި އަދި ޒަކާތް ހައްގުވާ މީހުންގެ އަަދަދު ދަށްވެގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި 8764 މީހުން އެބަތިބިއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ހިމެނޭ 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ވޯލްޑް ޒަކާތް ފޯރަމް އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ މިހާލަތުގައި ޒަކާތު ފަންޑުން އެކިކަންކަމުގައި ފޯރުވައިދީފައިވާ އެހީތަކުގެ ތަފްސީލް ހާމަކުރެއްވިއެވެ. އަދި ޒަކާތުގެ ޤާނޫނެއް އެކުލަވާލައި މީހުން ދައްކަންޖެހޭ ޒަކާތް ދެއްކުމަށް ބާރުއެޅުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ޒަކާތު ފައިސާ އޭގެ އެންމެ ފުރިހަމަ ގޮތުގައި މީހުން އަތުން ނެގިގެން ދާނެކަމަށެވެ. އަދި އޭގެ ހައްގުވެރިންނަށް ލިބި އިޖުތިމާއީ ފުދުންތެރިކަމަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު ކުޑަވެގެން ދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ވޯޯލްޑް ޒަކާތު ފޯރަމަކީ ޒަކާތާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކޮށް ޒަކާތާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި އެއްފުރާޅެއްގެ ދަށުގައި މަޝްވަރާކުރުމަށް ކުރިއަށްގެންދާ އަދި ޒަކާތުގެ ކަންކަން ކުރިއަރުވައި ޒަކާތުގެ ނިޒާމު ހަރުދަނާ އުސޫލެއްގެ ދަށުން ހިންގުމަށް މަގުފަހިކުރުމަށް މަސައްކަތްކުރާ ފޯރަމެކެވެ.

ޒޫމް މެދުވެރިކޮށް މިމަހުގެ އެކަކުން ދޭކަށް ބޭއްވި މިފޯރަމްގައި 40 ގައުމަކުން ބައިވެރިވިއެވެ. އަދި ޒަކާތާއި ބެހޭ ފަންނީ މާހިރުންނާއި ޢިލްމީ މާހިރުންނާއި، އެންޖީއޯ ތަކުންނާއި އެކި ގައުމުތަކުގެ ސަރުކާރުގެ އެޖެންސީތަކުންވެސް މިފޯރަމްގައި ބައިވެރިވިއެވެ.