ދޮށީ އުމުރު މީހުންގެ
ތެރެއިން ބަލިހާލު ހުންނަގޮތުން އިތުރަށް އަޅާލުމާއި ޚިދުމަތްތައް ދޭންޖެހޭ
ފަރާތްތަކަށް އެ ޚިދުމަތްތައް ދިނުމަށްޓަކާ އެމީހުންގެ އާއިލާތަކަށް މައުލޫމާތާއި
ތަމްރީނު ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީ ވަގުތީގޮތުން
ހިންގެވުމާ ހަވާލުވެހުންނެވި ބަންޑާރަ ނައިބް އަލް އުސްތާޛް މުޙައްމަދު އަނިލް
ވިދާޅުވެއްޖެއެވެ.
ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތުގެ
ވެލިޑޭޝަން ވޯކްޝޮޕް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ މިފަދަ
ފަރާތްތަކުގެ އާއިލާގެ މީހުންނަށް މައުލޫމާތު ދިނުމާއި ތަމްރީނު ކުރުމަށް ކުރެވޭ
މަސައްކަތުގެ ބައެއް މިހާރު ހދ ކުޅުދުއްފުށީގައި ކުރިޔަށްގެންގޮސްފައިވާކަމަށެވެ.
އަދި މި
ވޯޚްޝޮޕްގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މި
މިސިޔާސަތުގައި ދޮށީ އުމުރުގެ މީހުންގެ ޞިއްހީ ދުޅަހެޔޮކަމަށާއި، ޒަރޫރީ ބޭނުންތައް
ފުއްދުމަށާއި އަދި އެފަރާތްތަކަށް ދައުލަތުން ދޭންޖެހޭ ޚިދުމަތްތަކުގެ އިތުރުން
އެފަރާތްތަކަށް އާއިލާތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައްވެސް ބަޔާންކޮށްފައި
އޮތުމުގެ މުހިންމުކަމުގެ މައްޗަށް ބަންޑާރަ ނައިބް އަލިއަޅުވާލެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މިހާރު
ރާއްޖޭގައި 65 އަހަރުން މަތީގެ ސޯޅަ ހާހަށްވުރެ ގިނަ މީހުން ތިބި އިރު
ހަމަ މި އަދަދާ ގާތްކުރާވަރަށް 55 އަހަރާއި 65 އަހަރާއި ދެމެދުގެ
މީހުންވެސް ތިބިކަން ފާހަގަކުރެއްވިއެވެ. އަދި މިހުރިހާ ފަރާތްތަކަށް ރައްކާތެރިކަމާއި އަޅާލުން ދިނުމަށް އެކަށީގެންވާ އިންތިޒާމްތަކެއް މިހާރު ހަމަޖެހިފައި ނެތުމުން
މިކަމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވި ކުރަންޖެހޭކަންވެސް ބަންޑާރަ ނައިބް ވަނީ ފާހަގަކުރައްވާފައެވެ.
ވޯކްޝޮޕް ފެށުމުގެ
ރަސްމިއްޔާތުގައި ރިޓަޔަރީ އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން ނިޝާން
ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަބުދުއްރަޝީދު ހުޞައިން ވިދާޅުވީ ދޮށީ އުމުރުގެ
މީހުންގެ ޕޮލިސީއެއް ހެދުމަކީ ވަރަށް ކުރިންފެށިގެން ކުރަމުން އަންނަ
އުންމީދެއްކަމަށާއި މި ޕޮލިސީ އަށް ރިޓަޔަރީ އެސޯސިއޭޝަނުން ބޭނުންވާ ހުރިހާ
އެއްބާރުލުމެއް ލިބޭނެކަމަށެވެ.
މިއަދު ބޭއްވި މި
ވޯކްޝޮޕްގައި ދައުލަތުގެ އެކި މުޢައްޞަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުގެ 40 ފަރާތަކުން ބައިވެރިވެފައިވެއެވެ.