ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު އަންނަ މަހުގެ 7ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދައުރު ދަންމާލުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ ވޯޓުންނެވެ. ދައުރު ދިގުކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ މަހުގެ 7 އާއި ހަމައަށް ގެންދިއުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތާއި މިދައުރުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަންކަން ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން މިމަހުގެ ނިޔަލަށް މިދައުރުގެ މަސައްކަތް ނިންމަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ހުރި ގޮތުންނާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތްވެސް ނިންމަން ޖެހޭތީ ދައުރު ދަންމާލައިގެން ނޫނީ އެކަން ކުރެވެން ނެތްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަސްދުވަހުގެ ޗުއްޓީއަކަށް ދިޔައީ މި މަހުގެ 6 ވަނަ ދުވަހުއެވެ. ނިމުނު ދައުރު ނިންމާލައި މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އެ ދައުރަށް ހުށައެޅުނު މަސައްކަތުގެ %68 މަސައްކަތް ނިންމުމަށްފަހުއެވެ.