ޚަބަރު

އަސާސީ ތަމްރީނު ފުރިހަމަކޮށް 97 ސިފައިން ޚިދުމަތާއި ގުޅިގެއްޖެ


ދިވެހި ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 97 ސިފައިން ތަމްރީންތައް ފުރިހަމަކޮށް ސިފައިންގެ ޚިދުމަތާއި ގުޅިގެއްޖެއެވެ.

66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނޮދަންއޭރިޔާގެ ހެޑްކުއާޓާޒް ކަމުގައިވާ ފާދިއްޕޮޅު މާފިލާފުށީގައި ހުންނަ ބޭސިކް ޓްރޭނިން ސްކޫލްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި އަސާސީ ތަމްރީން ކޯހުގެ ދަރިވަރުންނަށް ހުވާލައި ދެއްވީ ކުރެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ހުސެއިން އިބްރާހީމެވެ.

މާފިލާފުށީގައި ހުންނަ ބޭސިކް ޓްރެއިނިންގ ސްކޫލްގައި ބޭއްވި ފުރަތަމަ ހުވާކުރުމުގެ މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އަދި މި ރަސްމިއްޔާތުގައި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރައްވާއިރު އަންގަވާ އެންގެވުންތައް އިއްވައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

މިދިޔަ އޮގަސްޓްމަހުގެ 19ވަނަ ދުވަހު 118 ދަރިވަރުންނާއި އެކު ފެށި 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް މިއަދު ހުވާކޮށްފައި ވަނީ 97 ދަރިވަރުންނެވެ. މީގެ ތެރޭގައި 17 އަންހެން ސިފައިންނާއި 80 ފިރިހެން ސިފައިން ހިމެނެއެވެ. ސިފައިންގެ އެކި ދާއިރާތަކުން ހޮވާލެވުނު މުދައްރިބުން މިތަމްރީން ތަކުގައި ކިޔަވައިދޭއިރު، ތަމްރީނު ޕްރޮގްރާމް ނިމި ބައިވެރިން ދަސްވެނިވުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

އަލަށް ޚިދުމަތާއި ގުޅޭ ސިފައިންނަށް ހިންގާ އަސާސީ ތަމްރީނު ކޯހަކީ، ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. މިކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ ސިފަވަންތަ އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.