މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ފިރިހެން ޕްރެޒެންޓަރެއް އަލުން ހޮވަނީ


ސިއްޙީ ހާލަތު ހުރިގޮތުން މޯލްޑިވިއަން އައިޑަލްއަށް ހޮވިފައިވާ ފިރިހެން ޕްރެންޒެންޓަރަށް މި ޕްރޮޑަކްޝަނަށް ވަގުތު ދެވިދާނެކަމަށް ނުފެންނާތީ އޭނާގެ ބަދަލުގައި އެހެން ޕްރެޒެންޓަރެއް ހޯދުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން ޕީ.އެސް.އެމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން ކުރިއަށް ގެންދިޔަ އޮޑިޝަނުން ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯވގެ ބްރޭންޑް ލައިސަންސް ދޫކުރާ ފަރާތްކަމަށްވާ ފްރެމެންޓަލް މީޑިއާއިން ހޮއްވަވާފައިވާ ދެ ޕްރެޒެންޓަރުންގެ ތެރެއިން ޙުސެއިން ޝާހިދުގެ ސިއްޙީ ހާލު ހުރިގޮތުން މި ޕްރޮޑަކްޝަނަށް އެކަށީގެންވާ ވަގުތު ދެވިދާނެކަމަށް ނުފެންނާތީ، މޯލްޑިވިއަން އައިޑަލްގެ ފިރިހެން ޕްރެޒެންޓަރަކު ހޯދުމަށް އަނެއްކާވެސް ހުޅުވާލުމަށް ޕީ.އެސް.އެމުން ނިންމާފައިވާކަމަށެވެ. ޙުސެއިން ޝާހިދަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާކަން އެނގުނީ ޕީ.އެސް.އެމުން ކުރިއަށްގެންދިޔަ އޮޑިޝަނުން ޝޯޓްލިސްޓްކުރެވި ފްރެމެންޓަލް މީޑިއާއަށް އޭނާގެ ނަން ފޮނުވައި، ޕީ.އެސް.އެމުން ނަން އިޢުލާން ކުރެވުނު ފަހުންކަމަށާއި، ޙުސެއިން ޝާހިދުގެ ސިއްޙީ ހާލަތު ބަޔާންކޮށް އޭނާ 2 އޮކްޓޯބަރުގައި ޕީ.އެސް.އެމްއަށް ސިޓީއެއް ފޮނުވާފައިވާކަންވެސް ޕީ.އެސް.އެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޕީ.އެސް.އެމުން ބުނީ މޯލްޑިވިއަން އައިޑަލްގެ ފިރިހެން ޕްރެޒެންޓަރަކު ހޮވުމަށް ބާއްވާ އޮޑިޝަން ކުރިއަށްދާނީ 5 އޮކްޓޯބަރ 2015 ވާ ހޯމަ ދުވަހު ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އޮކްޓޯބަރ 4 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00ގެ ކުރިން އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ޕީ.އެސް.އެމުން މިހާރުވަނީ ހުޅުވާލާފައެވެ.މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެސް.އެމް.އެސް ކުރައްވާނީ MIP ޖެއްސެވުމަށްފަހު ކުޑަ ހުސްތަންކޮޅެއް ދޫކޮށްލެވުމަށްފަހު، ނަން، އުމުރު، އަދި އެޑްރެސް ޖެއްސެވުމަށްފަހު 300 އަށެވެ.މޯލްޑިވިއަން އައިޑަލްގެ އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ފްރިމެންޓަލް މީޑިއާއިން ހޮއްވަވާފައިވަނީ އައިމިނަތު މައުރީންއެވެ.