ޚަބަރު

ކަނޑިންމަ ރިސޯޓް މުޢައްޒަފު ނިޔާވި މައްސަލަ ފުލުހުން ތަޙުޤީގުކުރަން ފަށައިފި


ކޯވިޑް-19ގައި ޙާލުދެރަވެގެން ކަނޑިންމަ ރިސޯޓުގެ މުޢައްޒަފު ނިޔާވި މައްސަލަ ފުލުހުން ތަޙުޤީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެމުން ފުލުހުން ވިދާޅުވީ މިމައްސަލަ ބަލަން ފަށާފައިވަނީ، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން އެމައްސަލަ ބަލައިދިނުމަށް އެދުމުންކަމަށެވެ. މިކަމާއި ގުޅިގެން ހިންގަންޖެހޭ ތަޙުޤީގުތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ކަނޑިންމަ ރިސޯޓުގެ މުޢައްޒަފު ނިޔާވި މައްސަލަ ތަޙުޤީގުކުރުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ. ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރި އުމުރުން 60 އަހަރުގެ މިމީހާ ނިޔާވީ ހާލުބޮޑުވެގެން ދ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުން މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްކަން އެންގިފައިވަނީ މަރުވުމުގެ ފަހުން ހެދި ޓެސްޓުންނެވެ.

މިމީހާ ކޯވިޑް ބަލީގައި ނިޔާވުމުގައި ރިޒޯޓުގެ އިޙުމާލްތައް އޮތްކަމަށް ނިޔާވި މީހާގެ އާއިލާއިންވެސްދަނީ ބުނަމުންނެވެ. މިކަން ތަޙުޤީގުކުރުމަށް އެޗްއީއޯސީގެ ޓީމެއް މިމަހުގެ 2ވަނަ ދުވަހު ރިސޯޓަށް ގޮސްފައިވެއެވެ. އެޗްއީއޯސީން މި މަސައްލަ ފުލުހަށް ހުށައެޅީ އެ ސެންޓަރުގެ ޓީމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤްވެސް ވިދާޅުވެފައިވެއެވެ.

ނިޔާވި މީހާ ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރިސޯޓްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. މިހާތަނަށް އެ ރިސޯޓުން 50އަށްވުރެ ގިނަ މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.