ޚަބަރު

ކޯވިޑް 19: އިތުރު 39 މީހުން ޕޮޒިޓިވްވެ ޖުމުލަ ޢަދަދު 11900އިން މައްޗަށް


އިތުރު 39 މީހުން ކޯވިޑް19އަށް ޕޮސިޓިވްވެ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 11900އަށްވުރެ އިތުރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ބައްޔަށް ޕިޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ބައްޔަށް ޕޮޒިޓިވްވި 32މީހުންނާއި، އަތޮޅުތަކުންނާއި ރިސޯޓްތައް ހިމެނޭހެން ބައްޔަށް ޕޮޒިޓިވްވި 7މީހުންނެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި 39މީހުންނާއިއެކު، ކޯވިޑް19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 11932އަށް އަރާފައެވެ. އެޗްޕީއޭއިން ވިދާޅުވީ ޕޮޒިޓިވްވި 39މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 19 ބިދޭސީންކަމަށެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 845މީހުންނެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވާގޮތުގައި މިހާތަނަށް ރާއްޖެއިން 11041މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް 31 މީހުންވަނީ ބަލިން ފަސޭހަވެފައެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާހޯދަމުންދަނީ 212މީހުންނަށެވެ. އެޗްޕީއޭއިން ވިދާޅުވީ ހޮސްޕިޓާލްގައި އެޑްމިޓްކޮށްގެން 54މީހުންނަށް ފަރުވާދެމުންދާކަމަށެވެ. ކޯވިޑް19 ބަލީގައި ރާއްޖެއިން 39މީހުންވަނީ ނިޔާވެފައެވެ. އެއީ 32ދުވަހުންނާއި، 7ބިދޭސީންނެވެ.

އަތޮޅުތަކަށް ބަލާއިރު މިވަގުތު 15ރަށެއްގައި ކޯވިޑް19އަށް ޕޮޒިޓިވް 20 މީހުން އެބަތިއްބެވެ. އެއީ ރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީގައިތިބި 13މީހުންނާއި، ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ އެކަކާއި، އަދި ރަށުން ފަތުރުވެރިން ފުރުމުގެ ކުރިން ހަދާ ޓެސްޓުން ޕޮޒިޓިވްވިކަން އިނގުނު 6 މީހެކެވެ.

އަތޮޅުތަކުގައި ތިބި ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 6ދިވެހިންނާއި، 14ބިދޭސީންނެވެ. އަތޮޅުތަކުގެ ކޯވިޑް-19 މެޑިކަލް ފެސިލިޓީތަކަށް ބަލާއިރު ބ.އޭދަފުއްޓާއި ލ.ގަމުގައި ހުންނަ ފެސިލިޓީގައި ޖުމްލަ 10މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ.

މީގެއިތުރަށް 28 ރިސޯޓެއްގައިވެސް ބައްޔަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 52 ފަތުރުވެރިންނާއި 120 ސްޓާފުންނެވެ.