ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި


  • ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނައި އިސްލާހުގައި ބަފަރ ޓައިމް ވަނީ ހިމަނާފައި

  • 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނުކަމަށް

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފަރ ޓައިމެއް ލިބޭ ގޮތަށް ޤަވާއިދު އިސްލާޙްކޮށްފިއެވެ.

ސިވިލް ސަރވިސްގެ ޤަވާއިދަށް ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ބަފަރ ޓައިމް ދޭނެ ގޮތް ހިމަނާފައިވެއެވެ.

ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނައި އިސްލާހުގައި ބަފަރ ޓައިމްއަކީ މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ.

އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށް އިސްލާހުގައިވެއެވެ. މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފަރ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި ބަފަރ ޓައިމްގެ ތެރޭގައި ހާޒިރުވާ ނަމަ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އަންގަން ޖެެހެއެވެ.

ބަފަރ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނީ ކަމަށެވެ. ބަފަރ ޓައިމަށް 30 މިނެޓުގެ ވަގުތެއް ކަނޑައަޅާފައިވާއިރު އެ ވަގުތުގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ހިމަނާފައެވެ. މިސާލަކަށް އޮފީހުގެ ގަޑިޖެހޭ ވަގުތަކީ 8 ޖަހާއިރު ކަމަށްވެފައި، މުވައްޒަފު އޮފީހަށް ހާޒިރުވީ 8:15ގައި ނަމަ މަސައްކަތް ނިމޭނީ 2:15އަށެވެ.

ޤަވައިދުގައި ވަނީ މިސްކިތު މުވައްޒަފުންގެ މަސައްކަތުގެ ވަގުތުވެސް ހިމަނާފައެވެ. މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހެއެވެ. އަދި މިސްކިތުގެ މަސައްކަތުގެ މުވައްޒަފުން ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ފޮޅާ ސާފުކޮށް ނަމާދު ވަގުތަށް މިސްކިތް ތައްޔާރުކުރުމަށާއި ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާންޖެއެވެ.

ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 މިނެޓް މިސްކިތުގައި ހޭދަކުރަންވާނެކަމަށްވެސް ޤަވާއިދުގައިވެއެވެ. މީގެ އިތުރުން މިސްކިތުގެ މަސައްކަތު މުވައްޒަފުން މަދުވެގެން ދުވާލަކު 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރަންޖެހޭނެކަމަށް ޤަވައިދުގަ ވަނީ ހިމަނާފައެވެ.