ކޯވިޑް-19ގެ ސަބަބުން ދުނިޔެ ދޫކޮށްފައިވާ މީހަކު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.
ރިޕަބްލިކަން ކެންޑިޑޭޓެއްކަމަށްވާ ޑޭވިޑް އަންޑަލަށް ކޯވިޑް-19 ޖެހި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވަނީ އެ ބަލީގައި މަރުވެފައެވެ.
ތިރިގޭގެ ގޮނޑިއަކަށް ވާދަކުރުމަށް ބޭފުޅަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އަންޑަލް ކާމިޔާބުކޮށްފައިވަނީ ރިޕަބްލިކަނުންގެ ތެރޭގައި ވަރަށް ހައިބަތު ހުރި ޝަހުސިއްޔަތަކާއި ވާދަކުރައްވާ މި އަހަރުގެ ކުރީ ކޮޅުގައެވެ. އެއަށްފަހު ނުފޫޒުގަދަ ސިޔާސީ ބޭފުޅުންގެ ތާޢީދުވަނީ އޭނާއަށް ލިބިފައެވެ. ނަމަވެސް އޭގެ ފަހުން އުމުރުން 55 އަހަރުގެ އަންޑަލަށް ކޯވިޑް ޖެހި އޭގެ ހަފުތާއެއްގެ ތެރޭގައިވަނީ އިތުރު ފަރުވާ ދިނުމަށް ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. އޭނާ މަރުވީ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުގައެވެ.
ނޯތު ޑަކޯޓާގެ ގޮނޑިއަކަށް ވާދަކުރެއްވި އަންޑަލްގެ ނަން އޭނާ މަރުވުމުންވެސް ވޯޓު ކަރުދާހުގައި ހިމަނާފައިވަނީ އޭނާ މަރުވުމުގެ ކުރިން ދުރާލާ ވޯޓުލުން ފެށިފައިވާތީއެވެ. އޮކްޓޯބަރުގައި އޭނާ މަރުވުމުން ނޯޓު ޑަކޯޓާގެ ބަންޑާރަ ނައިބު ވޭން ސްޓެންމްވަނީ އަންޑަލަށް އިންތިޚާބު ކާމިޔާބުވެއްޖެނަމަ އޭނާގެ މަޤާމު ފުރުމަށް ނޯތު ޑަކޯޓާގެ ރިޕަބްލިކަން ޕާޓީން އެ މަޤާމަށް އެހެން ބޭފުޅަކު އައްޔަނުކުރުމުގެ ފުރުޞަތު ދިނުމަށް ނިންމަވާފައެވެ.
މިއީ މަރުވެފައިވާ މީހަކު މަރުވުމުގެ ފަހުން އިންތިޚާބެއް ކާމިޔާބުކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. 2000ވަނަ އަހަރުން ފެށިގެން މިގޮތަށް ހަ ބޭފުޅުންނަށް މީގެ ކުރީ އިންތިޚާބުތަކުގައިވަނީ ކާމިޔާބު ލިބިފައެވެ.