ވިޔަފާރި

އެސްއެމްއީތައް ކުރިއެރުވުމަށް ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީވުމަށް އެޗްޑީސީން އެއްބަސްވެއްޖެ


ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިން މިނިސްޓްރީން ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީވުމަށް އެޗްޑީސީއާއިއެކު އެއްބަސްވެއްޖެއެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤައިމްކުރަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއި، ބީޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެޗްޑީސީން ވަނީ މިއަދު އެމްއޯޔޫއެއްގައި ސޮއެކޮށްފައެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލްއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ އިސްމާއިލް ސުހައިލް އަޙްމަދެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ފަޒްލީނާ ފާކިރްއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ހިންގާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަކުގައި އެސްއެމްއީތައް ބައިވެރިވުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ބީސީސީއިން އިސްނަގައިގެން އެސްއެމްއީތައް ތަރައްޤީކުރުމަށްޓަކައި ހުޅުމާލޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގައި ކޮންސެޝަނަލް ރޭޓުތަކެއްގައި ޖާގަ ފޯރުކޮށްދީ، އެސްއެމްއީތައް ކުރިއެރުވުމަށް ބީސީސީއިން ކުރާ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދޭނެކަމަށެވެ. އަދި އެސްއެމްއީތައް ކުރިއެރުވުމަށް ދުރު ރާސްތާ ޕްލޭންތައް ހަދައި އެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމަށް 2 ކުންފުނިން މަސައްކަތްކުރާނެކަމަށެވެ.

އެޗްޑީސީއާއި ބީސީސީން އެސްއެމްއީތައް ކުރިއެރުވުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު ބީސީސީއިން މިހާރުވެސް އަންނަނީ ދިވެހި އުފެއްދުންތަކަށް ޙާއްސަކޮށްގެން ހުޅުމާލެ ސެންޓްރޯ މޯލްގައި ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ.

މި ފިހާރައަކީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާ ފިހާރައެކެވެ.