ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ސަފާރީތަކުގެ ތެރެއިން %75 ސަފާރީއަކަށް އަލުން ޙިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާކަމަށް ނޭޝަނަލް ބޯޓިންގ އެސީސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 120 ސަފާރީއަކަށް ވަނީ ހުޅުވުމުގެ ހުއްދަ ދޫކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސަފާރީތަކުގެ އަދަދަކީ 160 އެވެ. އެހެންކަމުން މިހާތަނަށް 75 އިންސައްތަ ސަފާރީއަކަށް ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ. ހުޅުވުމުގެ ހުއްދަ ދީފައިވާ 120 ސަފާރީގެ ބެޑް ކެޕޭސިޓީއަކީ 2262 އެވެ.
ސަފާރީތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ދުވަސްކަމަށްވާ ޖުލައި 15 ވަނަ ދުވަހުއެވެ. ފަތުރުވެރިންނަށް ޙިދުމަތްދޭ އެހެން ފެސިލިޓީތަކާއި އެއްގޮތަށް ސަފާރީތަކަށްވެސް ހުއްދަ ދެނީ ވަކި ޙާއްސަ ކަންތައްތަކަކަށް ބެލުމަށްފަހުގައެވެ. އެގޮތުން ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށަހަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޙުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޙިދުމަތްދީގެން ނުވާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ. ސަފާރީތަކަށް އަންނަ ފަތުރުވެރިނަށް ވަކި ޙާއްސަ އުސޫލެއްގެ ދަށުން މިހާރު ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ދެވޭގޮތައް ހުރިހައި ފެސިލިޓީއަކަށް "ސްޕްލިޓް ސްޓޭ" ގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.