ޢީދު ބަންދުގައި ކަނޑުމަގުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭއްވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމް.އެން.ޑީ.އެފުން އިލްތިމާސްކޮށްފިއެވެ.އެމްއެންޑީއެފުން ބުނީ ފާއިތުވެދިޔަ ހަފުތާއެކޭ އެއްފަދައިން ކުރިއަށް އޮތް ހަފުތާއަކީވެސް މޫސުން ގޯސް ވާނެ ހަފުތާއެއްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ލަފާކޮށްފައިވާކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެންމެ ފުރިހަމައަށް އަޅައިގެން ދަތުރުކުރުމަށްވެސް އެމް.އެން.ޑީ.އެފުން ވަނީ އިލްތިމާސްކޮށްފައެވެ.އޮޑިވެރިންނާއި ކެޕްޓަނުންނާއި ފަޅުވެރިންގެ އިތުރުން ދަތުރުކުރާ ފަރާތްތަކުންވެސް، ދަތުރުކުރާ އުޅަންދަކީ އެންމެ އެކަށޭނަ އުޅަނދެއްކަން ޔަޤީންކުރުމަށް އެމް.އެން.ޑީ.އެފުން އިލްތިމާސް ކުރެއެވެ. މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ފާއިތުވި ހަފްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.ކުރިޔަށް އޮތް ފަސްދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ޙާއްޞަކޮށް މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.ކުރިޔަށްއޮތް ފަސްދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ފަނަރަމޭލުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު ތިރީސްފަސް މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ. ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެމަތީ އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.