ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 15 އިންސައްތަ އިތުރުވެއްޖެއެވެ.
ބީއެމްއެލްއިން ނެރެފައިވާ ކުއާޓާލީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެ ބޭންކަށް ލިބިފައިވާ ފައިދާ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބިފައިވަނީ 224 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި އެ ބޭންކަށް 259 މިލިއަން ރުފިޔާ ލިބިފައިވާތީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 106 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ 2 ވަނަ ކުއާޓަރާއި އަޅާބަލާއިރުވެސް ނިމިދިޔަ ކުއާޓަރަކީ ބޭންކަށް ކާމިޔާބު ކުއާޓަރެކެވެ. 3 ވަނަ ކުއާޓަރުގައި ބޭންކަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ކޯވިޑް19 އިން މަޑުމަޑުން އަރައިގަނެ އިޤްތިޟާދު ރަނގަޅުވަމުން އަންނާތީކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އަހަރުގެ 3 ވަނަ ކުއާޓަރުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް އެގި ގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ލޯނުގެ ގޮތުގައި ނަގާފައިވާ އަދަދު ދެއްކުން 3 މަހަށް ފަސްކޮށްދިނުމާއި ވޯކިންގ ކެޕިޓަލް އަދި ކުރު މުއްދަތުގެ ލޯނުތައް ކަސްޓަމަރުންނަށް ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ދެލައްކަ ނުވަދިހަ ހަތަރުހާސް ކަސްޓަމަރުން އަންނަނީ ޙިދުމަތް ހޯދަމުންނެވެ. 20 އަތޮޅުގައި އެ ބޭންކުގެ 37 ބްރާންޗް އެބަހުއްޓެވެ. އަދި 125 އޭޓީއެމްއިން ޙިދުމަތްދެމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ.