ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގަދަ 32: ފްރާންސް - ސްވިޑަން


ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި މިރޭ ސްވިޑަން އާއި ދެކޮޅަށް ފްރާންސް ނިކުންނައިރު, އެ ޓީމުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލާފައިވަނީ ޖެހިޖެހިގެން ތިން ވޯލްޑްކަޕްގެ ފައިނަލުގައި ކުޅެ މި މުބާރާތުގެ ތަށި ހޯދުމަށެވެ.

ގްރޫޕް އައި ގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 32 ގެ ޖާގައެއް ފްރާންސް އިން ހޯދިއިރު އެ ޓީމުން ވަނީ މި ތިން މެޗުގައި ޖުމްލަ 10 ލަނޑު ޖަހާފަ އެވެ. އަދި ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެޓޭކިން ފޯސްއެއް އޮތް އެއް ޓީމުގެ ގޮތުގައި ބެލެވޭ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އުސްމާން ޑެމްބެލޭގެ އިތުރުން މައިކަލް އޮލިސޭ ފާހަގަކޮށްލެވެ އެވެ. އެމްބާޕޭ ހަތަރު ލަނޑު ޖަހާފައިވާއިރު ޑެމްބެލޭ ވަނީ ތިން ލަނޑު ޖަހާފަ އެވެ.

ފްރާންސް އާއި ދެކޮޅަށް ނިކުންނަ ސްވިޑަން އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އެފްގެ ތިންވަނަ ޓީމުގެ ގޮތުގައި ގަދަ އަށެއްގައި ހިމެނިގެންނެވެ. ސްވިޑަން އިން މި ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެފައިވާއިރު އެއް މެޗުން ވަނީ މޮޅުވެފަ އެވެ.

ކުރީގެ މެޗުތައް:

  • * ފީފާ ވޯލްޑްކަޕް ޕްރެލިމިނަރީ 1994: ސްވިޑަން 1-1 ފްރާންސް
  • * ފީފާ ވޯލްޑްކަޕް ޕްރެލިމިނަރީ 2018: ފްރާންސް 2-1 ސްވިޑަން
  • * ފީފާ ވޯލްޑްކަޕް ޕްރެލިމިނަރީ 2018: ސްވިޑާން 2-1 ފްރާންސް
  • * ޔޫއެފާ ނޭޝަންސް ލީގު 2020: ފްރާންސް 4-2 ސްވިޑަން
  • * ޔޫއެފާ ނޭޝަންސް ލީގު 2020: ސްވިޑަން 0-1 ފްރާންސް

ސްވިޑަންގެ ޓީމުން މި މެޗަށް ނިކުންނައިރު ލިވަޕޫލްގެ ފޯވަޑް އެލެކްޒެންޑަރ އިސާކްގެ އިތުރުން އާސެނަލް އަށް އިނގިރޭސި ޕްރިމިއާ ލީގު މި ފަހަރު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ވިކްޓަރ ޔޯކޭރެސް ފާހަގަކޮށްލެވެ އެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު 2022 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފައިވާ ފްރާންސް އިން މިރޭ ސްވިޑަން އާއި ދެކޮޅަށް ނިކުންނައިރު, މި ދެ ޓީމުން ވަނީ ފީފާގެ ރެކޯޑްސް އިން ދައްކާ ފަސް މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން ތިން މެޗުން ފްރާންސް މޮޅުވެފައިވާއިރު ސްވިޑަން މޮޅުވެފައިވަނީ އެއް މެޗުންނެވެ. އަދި އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގަ އެވެ. ސްވިޑަންގައި ކުޅުނު ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ފްރާންސް ކާމިޔާބުކޮށްފައިވާއިރު, ދެވަނަ ލެގުގައި ފްރާންސްގައި ކުޅުނު މެޗުވެސް 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފްރާންސް އެވެ. އެ މެޗުގައި ލަނޑުޖެހި ކިލިއަން އެމްބާޕޭ މިރޭގެ މެޗުގައިވެސް ފްރާންސްގެ ޓީމަށް ކުޅޭނެ އެވެ.