ޚަބަރު

ހުޅަނގު އައްސޭރީގެ މުހިއްމު ސަރަޙައްދުތައް އަތްދަށުކުރަން ޔަހޫދީން ރާވަނީ


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ މުޙިއްމު 100 ސަރަޙައްދެއްގެ މައްޗަށް އަތްގަދަކުރަން ޔަހޫދީން ރާވަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.

1995ވަނަ އަހަރުގެ އޮސްލޯ މުޢާޙަދާގެ ދަށުން ފަލަސްޠީނުގެ ބާރުގެ ދަށުގައި އޮތް "އޭރިއޭ އޭ"ގައި ހިމެނޭ މި ސަރަޙައްދުތަކަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުތައް ފޮނުވައިގެން، ޤަވާޢިދާ ޚިލާފަށް ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ރާވަމުންދާކަމަށް ޔަހޫދީ ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ. ޔަހޫދީ ދައުލަތުގެ ވަޒީރުންގެ މަޖިލީހަށާއި ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިސް މީހުންނަށް ވެސް މިހާރު ހުށަހަޅާފައިވާކަމަށް އެ ނޫހުން ބުންޏެވެ.

މިއީ ޔަހޫދީ ވަޒަންވެރިން އެކުލަވައިލި ޕްލޭނެއް ނަމަވެސް، މިކަމަށް ޔަހޫދީ ދައުލަތުން ވާގިވެރިވެގެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގެ އިސްތިޢުމާރު ފުޅާކުރަން ކުރާ އިތުރު މަސައްކަތެއްގެ ގޮތުގައި ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)އިން ވަނީ ސިފަކޮށްފައެވެ.

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާއި އެ މީހުންގެ މުދަލަށް ޔަހޫދީންގެ ނިރުބަވެރި ސިފައިންނާއި ވަޒަންވެރިން ދޭ ޙަމަލާތައް ދަނީ އިތުރުވަމުންނެވެ.

ޚާއްސަކޮށް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ޣައްޒާއާ ދެކޮޅަށް ނަޞްލު ހޭދަ ކުރުމުގެ ހަނގުރާމަ ފެށުނު ފަހުން، ޔަހޫދީ އާބާދީތަކާއި އަސްކަރީ އައުޓްޕޯސްޓްތަކާ ކައިރީގައިވާ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ދަނޑުވެރިންގެ ދަނޑުބިންތަކުގައި އަލިފާން ރޯކުރުމާއި ބިންތައް ފޭރިގަތުމާއި، އެ މީހުންގެ ދަނޑުބިންތަކަށް ވަނުމަށް ހުރަސްއެޅުން ފަދަ އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ފަލަސްޠީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގި ލާއިންސާނީ ޖަރިމާތަކުގައި ފަލަސްޠީނުގެ 1،173 މީހުން ޝަހީދުކޮށްލައި، 12،666 މީހުން ޒަޚަމްވެފައިވެއެވެ.

މީގެ އިތުރުން ގާތްގަނޑަކަށް 23،000 މީހުން ހައްޔަރުކޮށް، 33،000 މީހުންގެ ގެދޮރު ވަނީ ގެއްލުވާލައިފައެވެ.