މިއަދު ރާއްޖެއިން އިތުރު 41 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 34 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 7 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 41 މީހުންގެ ތެރެއިން 37 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 4 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،154 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 64 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9،995 އަށް އަރާފައެވެ. ކޯވިޑް-19 އެކްޓިވް ކޭސް އެއް ރާއްޖޭން ފެނުނުތާ 222 ދުވަސް ވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 35 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1،117 އަށް އަރާފައިވާއިރު 384 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 49 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި 5 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،366 ސާމްޕަލެއް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 20 ރަށަކުންނާއި، 19 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 60 ދިވެއްސަކަށާއި، 9 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 15 ފަތުރުވެރިއަކާއި، 25 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.