މެލޭޝިއާ އެއަރލައިންސް ހިންގުމަށް އެކުލަވާލި އައު ޕްލޭނަށް އެ އެއަރލައިންނަށް ފައިނޭންސްކުރާ ފަރާތްތަކުގެ ރުހުން ނުލިބިއްޖެނަމަ އެއަރލައިން ހިންގުން ހުއްޓާލަންޖެހިދާނެކަމަށް މެލޭޝިއާ އެއަރލައިންސްގެ ސީއީއޯ ވިދާޅުވެއްޖެއެވެ.
މެލޭޝިއާ އެއަރލައިންސްއިން ސީއީއޯ މިހެން ވިދާޅުވީ، އެ އެއަރލައިންނަށް ފައިނޭންސްކުރާ ބައެއް ކުންފުނިތަކުން ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް މެލޭޝިއާ އެއަރލައިންސްއިން ތައްޔާރުކުރި ޕްލޭންއަށް ނުރުހޭކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މެލޭޝިޔާ އެއަރލައިންސްއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެލޭޝިއާ އެއަރލައިންސްގެ ސީއީއޯ އިޒްހާމް އިސްމާއިލް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެ އެއަރލައިންނަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. މި ގެއްލުމުން އަރައިގަތުމަށް އިންވެސްޓަރުންގެ އިންވެސްޓްމަންޓް އިތުރުކޮށް، އެއަރލައިން ހިންގުުމަށް އައު ޕްލޭނެއް އެކުލަވާލައިގެން ނޫނީ މަސައްކަތްކުރެވެން ނެތްކަން އިޒްހާމް ފާހަގަކުރެއްވިއެވެ. އައު ޕްލޭންގެ ދަށުން އަމާޒު ހިފާފައިވަނީ ކުރިއަށްއޮތް ފަސް އަހަރުތެރޭގައި އެއަރލައިންގެ ބެލެންސް ޝީޓް ހަމައަކަށް އަޅުވާ، 2023 ވަނަ އަހަރާއި ހަމައަށް މެލޭޝިއާގެ އެތެރޭގެ އުދުހުންތަކާއި ދެކުނު އިރުމަތީ އޭޝިއާގެ އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް ފެށުންކަން އިޒްހާމް ވިދާޅުވިއެވެ.
މީގެ އިތުރުން އެއަރލައިން ހިންގުމަށް ބޭނުންވާ ފައިސާ މެލޭޝިއާގެ ޕަބްލިކް ފަންޑް ޚަޒާނާ ނެޝަނަލްއިން ނެގުމަށްވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ. މި ޕްލޭން ކާމިޔާބު ވާނީ، އެއަރލައިންއަށް ފައިނޭންސްކުރާ ފަރާތްތަކުގެ ރުހުން ލިބިގެންކަމުގައިވާއިރު، ރުހުން ހޯދުމުގެ މަަސައްކަތްކުރަމުންދާކަމަށް މެލޭޝިއާ އެއަރލައިންސްގެ ސީއީއޯ ވިދާޅުވިއެވެ.
އިޒްހާމް ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ރުހުން ނުލިބިއްޖެނަމަ އެއަރލައިން ހުއްޓާލަންޖެހުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު އޮތް ޕްލޭނަށް ހިއްސާދާރުން ނޫނެކޭ ބުނެފިނަމަ، ދެން އޮތްގޮތަކީ އެ އެއަރލައިންގެ އެއަރ އޮޕރޭޓަރ ސެޓްފިކެޓް އެހެންނަމަކަށް ބަދަލުކުރުން ނުވަތަ މެލޭޝިއާ އޭވިއޭޝަން ގްރޫޕްގެ ދަށުން ހިންގާ އެމްއޭ ސްވިންގްސް އަދި ފަޔަރ ފްލައިގެ އެއަރ އޮޕރޭޓަރ ސެޓްފިކެޓްގައި ދަތުރުތައް ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިއާ އެއަރލައިންސްގެ ހިންގުުމުގެ ޕްލޭނަށް އެ އެއަރލައިންނަށް ފައިނޭންސްކުރާ ފަރާތްތަކުގެ ރުހުން ނުލިބިއްޖެނަމަ އެއަރލައިން ބަންދުކުރަންޖެހިދާނެކަމަށް ބުނެފައިވާއިރު، މެލޭޝިއާ އެއަރލައިންސްގެ ބެލެނިވެރި ކުންފުނި މެލޭޝިއާ އޭވިއޭޝަން ގްރޫޕުން މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.