ޚަބަރު

ކޯވިޑް-19 އާއިއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެވިއްޖެ - ރައީސް


ކޯވިޑް-19 އާއިއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އެނގިގެން ހިގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަނގަ ކުރަމުންދާ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އާންމު ސިއްޙަތު ކަށަވަރު ކުރުމުގެ އެންމެ މުހިންމު އެއްބަޔަކީ ނަފްސާނީ ގޮތުން ދުޅަހެޔޮކަން މަތީ ހުރުންކަމަށެވެ. ކޯވިޑް-19 އާއިއެކު ނަފްސާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ތިބުމަކީ ކިހާ މުހިންމު ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރައްވާ، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމަށެވެ.

ކޯވިޑް-19ގެ ޙާލަތުގައި އަސަރުކޮށްގެން އެންމެ ގިނައިން ނަފްސާނީ އެހީ ރާއްޖެއިން ދީފައިވަނީ ޒުވާނުންނަށެވެ.
މިޙާލަތުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީފައިވަނީ ސެންޓަރ ފޯރ މެންޓަލް ހެލްތާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންނެވެ.

ކޯވިޑް-19އާއި ގުޅިގެން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހޮޓްލައިން 1425އަށް ގުޅައިގެން 900 ފޯންކޯލްއާއި 44 ގްރޫޕް ސެޝަނާއެކު 2600 މީހުންނަށް ވަނީ މިއެހީ ފޯރުކޮށްދީފައިކަމަށް ރެޑް ކްރެސެންޓުން ވިދާޅުވެއެވެ. މީގެ ތެރޭގައި ވަޒީފާ ގެއްލިގެންނާއި ބަލީގެ ނުރައްކަލުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތައް ހިމެނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކެއް ލޮކްޑައުންކޮށް ބަންދުވެފައި ތިބެންޖެހުމުން ނަފްސާނީ ގޮތުން ގިނަ ބަޔަކަށްވަނީ އަސަރުކޮށްފައެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ.