ކޯވިޑް-19

ކޯވިޑް-19 ވައިގެ ޒަރިއްޔާއިން ފެތުރުމުގެ ފުރުޞަތު ބޮޑީ ވައި ދައުރު ނުވާގޮތަށް ހުންނަ ބަންދު ތަންތަނުގެ ތެރޭގައި


ކޯވިޑް-19 އެއަރބޯން ޑިޒީސްއެއްގެގޮތުގައި ނުވަތަ ވައިގެ ޒަރިއްޔާއިން ފެތުރުމުގެ ފުރުޞަތު ބޮޑީ ވައި ދައުރު ނުވާގޮތަށް ހުންނަ ބަންދު ތަންތަނުގެ ތެރޭގައިކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެންޓަރސް ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީ.ޑީ.ސީން މިމަހުގެ 5 ވަނަ ދުވަހު އާއްމުކުރި ސައިންޓިފިކް ބްރީފެއްގައި ބުނެފައިވާގޮތުން ބައެއް ހާލަތްތަކުގައި ކޯވިޑް-19 އަކީ އެއަރބޯން ޑިސީސްއެއްގެގޮތުގައި ފެތުރުމުގެ ފުރުޞަތު އެބަ އޮތްކަމަށެވެ.

އެޗް.އީ.އޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށިއިރާއި އަދި މިހާރުވެސް ސެންޓަރސް ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ބްރީފްގައި މި ބަލި އެންމެ ބޮޑަށް ފެތުރޭކަމަށް ފާހަގަކޮށްފައިވަނީ ކުޅުތިކީގެ ޒަރިއްޔާއިންކަމަށެވެ.

އެގޮތުން ކުޅުތިކީގެ ޒަރިއްޔާއިން ކޯވިޑް-19 ފެތުރެމުންދަނީ 2 ގޮތަކުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއްގޮތަކީ ބަލިޖެހިފައިހުރި މީހަކާއި 3 ފޫޓު ނުވަތަ 6 ފޫޓު ކައިރީގައި ހުރުމުން އޭނާގެ ކުޅުތިއްކާއެކު ނުކުންނަށް ޖަރާސީމުތަކުގެ ސަބަބުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މޭޒު ނުވަތަ ގޮނޑިފަދަ ސަފޭސްއެއްގައި އެ ޖަރަސީމު ހަރުލާފައި ހުއްޓާ އެތަނުގައި އެހެން މީހަކު އަތްލުމަށްފަހު އަނގައިގައި ނުވަތަ ނޭފަތުގައި އަތްލުންފަދަކަމަކުންވެސް މި ބަލި ފެތުރެމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސީ.ޑީ.ސީގެ ސައިންޓިފިކް ބްރީފްއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މި ދެގޮތުގެ އިތުރަށް އެއަރބޯން ޓްރާންސްމިޝަނެއް ބައެއް ހާލަތްތަކުގައި ހިނގާނެކަމަށް ސީ.ޑީ.ސީން ފާހަގަކޮށްފައިވީނަމަވެސް، އެ ފުރުޞަތު އެންމެ ބޮޑީ ވެންޓިލޭޝަން ރަނގަޅުނޫން، ނުވަތަ ވައި ދައުރުނުވާނެހެން ބަންދުވެފައި ހުންނަ ތަންތަނުގައިކަމަށެވެ. އެގޮތުން އެފަދަ ތަނެއްގައި ގިނަ ބަޔަކު މާސްކް ނާޅާ އެއްވެގެންތިބެ ވާހަކަދެއްކުމާއި ކެއުންފަދަ ކަންކަން ކުރާނަމަ ވައިގެ ޒަރިޔާއިން ކޯވިޑް-19 ޖައްސާ ވައިރަސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުޞަތު އޮންނަކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19 ފެތުރޭ މިންވަރަށް ބަލާއިރު، އާރް ވެލިއު އުޅެނީ 1.5 ގައިކަމަށާއި، އެންމެ ހަލުވިކަމާއެކު ބަލިފެތުރޭއިރުވެސް އާރް ވެލިއު އުޅެނީ 3 އަކަށްވުރެ ދަށުގައިކަމަށެވެ. އަދި އެއަރބޯން ޓްރާންސްމިޝަނުން އާއްމުކޮށް ފެތުރޭ ބަލިތަކުގެ އާރް ވެލިއު އުޅެނީ އެއަށްވުރެ މަތީގައިކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ހުރިހާތަނެއްގައިވެސް ވެންޓިލޭޝަން ރަނގަޅުކޮށް ވައިދައުރުވާނެގޮތަށް ބެހެއްޓުކަމީ ޚާއްސަކޮށް ކަރަންޓީނުވެފައި ތިބޭ މިހުން ތިބޭ ތަންތަނުގައިވެސް މިގޮތަށް ވައިދައުރުވާނެގޮތަށް ކުޑަދޮރު ހުޅުވާލުމާއި މިކަހަލަ ކަންތައްތަކަކީ ކުރިންވެސް އަޅުގަނޑުމެން ފާހަގަކޮށްފައި ހުރި ކަންކަން. ދެން މި ބަލި ފެތުރޭ މިންވަރަށްބަލާއިރުގައި ޚާއްސަކޮށް އާރް ވެލިއު އާއްމުކޮށް މިއުޅެނީ 1.5 ނުވަތަ 3 ހާ ހިސާބުގައި އެންމެ ހަލުވިކަމާއެކު ބަލިފެތުރޭ އިރުގައިވެސް އެސްޓިމޭޓް މިކުރެވެނީ 3 އަށްވުރެ ދަށުގައިކަމަށް މިއުޅެނީ. އެހެންވީމަ އޭގެ މާނައަކީ އެއަރބޯން ޓްރާންސްމިޝަން އެއީ ބަލި އެންމެ އާއްމުކޮށް ފެތުރޭ ރޫޓްނޫންކަމަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވަކި ޚާއްސަ ހާލަތްތަކުގައި ކޯވިޑް-19 ވައިގެ ޒަރިއްޔާއިން ފެތުރުމުގެ ފުރުޞަތުއޮތްކަން ސީ.ޑީ.ސީން ބުނެފައިވީނަމަވެސް މިއީ މި ބަލި ފެތުރޭ އެންމެ އާއްމުގޮތްނޫންކަމަށާއި، އެކަމާގުޅޭ ހޯދުންތައް ހޯދުމުގެ މަސައްކަތް ޞިއްޙީ މާހިރުން އަދިވެސް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް ވައިގެ ޒަރިއްޔާއިން މި ބަލި ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށްޓަކާ، ބަންދު ކުދިކުދި ތަންތަނުގައި ގިނަ މީހުން އެއްވެ ނޫޅުމާއި، އެކަހަލަ ތަނެއްގައި ތިބޭނަމަ މާސްކް އަޅައިގެން ތިބުން މުހިއްމުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ޙާއްސަކޮށް އެކަހަލަ ތަންތަނުގައި ވައިދައުރުވާނެހެން ބެހެއްޓުން ވަރަށް މުހިއްމުމަކަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.