ރާއްޖެއިން ކޯވިޑް-19އަށް އިތުރު 63 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރެއްވި ގޮތުގައި ބުދަދުވަހުގެ 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ 63 މީހުންގެ ތެރޭގައި ހިމެނެނެނީ 31 ދިވެހިންނާއި 32 ބިދޭސީންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮސިޓިވްވި 51 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ބައްޔަށް ޕޮޒިޓިވްވި 12 މީހުންނެވެ.
ބުދަދުވަހުގެ 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން ވަނީ އިތުރު 79 މީހުން މިބަލިން ރަނގަޅުވެފައެވެ. ކޯވިޑް-19ގެ ބަލި މީހުންގެގޮތުގައި 1126 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. މީގެތެރެއިން 573 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 79 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދެއެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 8 މަސްދުވަހާ ގާތްވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވެފައިވާ މީހުންގެ ޖުމުލަ ޢަދަދު މިވަނީ 10،354އަށް އަރާފައެވެ. އަދި 9187 މިހުންވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
ކޯވިޑް-19ބަލި ރާއްޖޭގައި އުޅޭ މިންވަރު ދެނެގަތުމަށް، ބައްޔަށް ޓެސްޓުކުރުންވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. ކުރިން އެވްރެޖްކޮށް ދުވާލަކު 1000 ސާމްޕަލް ޓެސްޓުކުރިނަމަވެސް، ބުދަދުވަހުގެ 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ވޭތުވެދިޔަ 24ގަޑިއިރުވަނީ 1628މީހުން ބައްޔަށް ޓެސްޓުކޮށްފައެވެ.
ފަރުވާދޭ ފެސިލިޓީތަކުގައި އެޑްމިޓްކޮށް ބަލަހައްޓަމުންދަނީ ބަލީގެ ސަބަބުން ޙާލު ދެރަވާ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާހޯދާ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންނެވެ. މިދިޔަ އޮގަސްޓްމަހު ރާއްޖޭގެ ޙާލަތު އެންމެ ގޯސްވިއިރު، މެޑިކަލް ފެސިލިޓީތަކުގައި ފަރުވާދޭން ޖެހުނު މީހުންގެ ޢަދަދު 200އާ ގާތްކުރިއެވެ.
އަތޮޅުތަކުގެ ކޯވިޑް-19ގެ ޙާލަތަށް ބަލާއިރު، އެކިރަށްރަށުގައި ކޯވިޑް-19އަށް ޕޮޒިޓިވް 90 މީހުން އެބަތިއްބެވެ. އެއީ 24 ރަށަކުން 27 ދިވެހިންނާއި، 63 ބިދޭސީންނެވެ. މީގެތެރޭގައި ހިމެނެނީ ފުރަބަންދުން ދޫކޮށްލުމަށް ހެދި ޓެސްޓުން ޕޮޒިޓިވްވިކަން އެނގުނު މީހުންނާއި ކޮންޓެކްޓްވީ މީހުންނެވެ. އަތޮޅުތަކުގެ މެޑިކަލް ފެސިލިޓީތަކުގައިވެސް 6 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.
މީގެއިތުރުން 21ރިސޯޓަކުން 10ފަތުރުވެރިއަކަށާއި 17 މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.