ކޯވިޑް-19

ކޯވިޑް-19 : ހޯނޑެއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ބަލިން ރަނގަޅުވެއްޖެ


ގދ. ހޯނޑެއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.

ހޯނޑެއްދޫ ހެލްތު ސެންޓަރުން ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން 44 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ އެންމެ މީހެއްކަމަށެވެ. އެ ރަށުގައި ކަރަންޓީންގެ ޙާލަތަށް ލާފައިވަނީ އެންމެ ގޭބިސީއެއްކަމަށްވެސް ހޯނޑެއްދޫ ހެލްތު ސެންޓަރުން ވިދާޅުވެއެވެ.

ހޯނޑެއްދޫއިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެ ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، އެކްޓިވް ސަރވައިލަންސްގެ ދަށުން 462 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 45 ސާމްޕަލެވެ. އަދި 343 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް އެ ރަށުގެ ހެލްތު ސެންޓަރުން ވިދާޅުވެއެވެ. ހޯނޑެއްދޫއިން ނެގި ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިބެނީ 74 ސާމްޕަލެއްގެކަމަށްވެސް ހޯނޑެއްދޫ ހެލްތު ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.

ގދ. ހޯނޑެއްދުއަކީ ގްރޭޓަރ މާލޭ ސަރަޙައްދު ފިޔަވާ، އަތޮޅުތަކުގެ ރަށަކުން އެންމެ ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ރަށެވެ. ގދ. ހޯޑެއްދޫގައި ބޮޑު ކްލަސްޓަރއެއް އުފެދުނީ ސެޕްޓެމްބަރު 4 ގައި އެރަށުން ޕޮޒިޓިވްވި 2 މީހުންގެ ކޮންޓެކްޓުންގެ ތެރެއިންނެވެ. މި ކްލަސްޓަރގެ ތެރެއިން އެކަނިވެސް ޖުމްލަ 40 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން އެރަށުގައި ތިބިކަމަށް އެޗް.އީ.އޯ.ސީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ގިނަ ބަޔަކު އަންނަނީ ބަލިން ރަނގަޅުވަމުންނެވެ. އެޗްއީއޯސީން ހާމަކޮށްފައިވާގޮތުގައި އެރަށުގެ %6 ގެއިން ކޯވިޑް-19އިގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ. އަދި %19 ގޭގައި ބަލިމީހާއާއި ކޮންޓެކްޓްވި މީހުން އެބަތިއްބެވެ. ހޯނޑެއްދޫ އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.